ދިވެހިރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ޔޫރަޕާއި އެމެރިކާއިން ބޭސް ގެނައުމުގެ އިންތިޒާމް ހަމަޖައްސަވަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު ވިދާޅުވެއްޖެއެވެ.
“އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން،، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރާނަން. އެކަންތައް މިހާރު ވަނީ ފެށިފަ.” ވަކި ޤައުމަކުން ބޭސް ގެނައުން އިރާދަކުރެއްވިއްޔާ ނިމުމަކަށް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަނބުރާ ރާއްޖެވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އިންޑިއާއަކީ ރާއްޖެއިން އެންމެ ގިނައިން ބޭސް އިމްޕޯޓްކުރާ އެއް ޤައުމެވެ. އަދި އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހިންގެ އާސަންދައަށް އެތައްސަތޭކަ މިލިއަން ޚަރަދުވާކަމަށް ތަފާތުހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން އާސަންދައިގެ ޚިދުމަތް ފުޅާކުރައްވާނެކަމުގެ ޚަބަރުވެސް ރައީސް ދެއްވިއެވެ.
އާސަންދައިގެ ޚިދުމަތް ދުބާއީއާއި ތައިލެންޑާއި ހަމައަށް ފުޅާކޮށް އެޤައުމުތަކުން ދިވެހިންނަށް އާސަންދައިގެ ޚިދުމަތް އެކޮމޮޑޭޝަންއާއި އެކުގައި ލިބޭ ގޮތަށް ހަމަޖެއްސުމަށާއި ދަށްފެންވަރުގެ ބޭހުގެ ބަދަލުގައި ސީދާ ޔޫރަޕައި އެމެރިކާއިން ބޭސް ގެންނަން ނިންމައި އެކަމުގެ މަސައްކަތް ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“އަޅުގަނޑުމެންގެ އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން ހުންނަ، ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމުތަކަށް، ޔޫއޭއީ އަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން. އަދި އެތަނަށް ދާއިރުގަ އެތަނުގެ އެކޮމޮޑޭޝަން އެކްސްޕެންސް އޭގައި ހިމެނޭ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އާސަންދަ ފުޅާކުރާނަން.” ރައީސް ވިދާޅުވިއެވެ.
ދިވެހިން މިހާރު ބޭސްފަރުވާއަށް ދާ ތަންތަނަށްވުރެ އެތަންތަނަކީ ފެންވަރު ރަނގަޅު ތަންތަން ކަމުގައި ރައީސް ވިދާޅުވިއެވެ. ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ދާ ޤައުމަކީ އިންޑިއާއެވެ.