ދިވެހިރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިން މާޗް 15 ގެ ކުރިން ބާލައި ހުސްކުރުމަށް އިންޑިއާއާއި ދިވެހިރާއްޖޭގެ އިސް އޮފިޝަލުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ހުށަހަޅައިފިއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވުޒާރާއާއި އިންޑިއާ އެމްބަސީގެ އިސް އޮފިޝަލުން ދެމެދު މިއަދު ބޭއްވުނު ބައްދަލުވުމުގައި، ސަރުކާރުން މިހުށަހެޅުން ހުށަހަޅާފައިވާ ކަމަށެވެ. މިގޮތުން މާޗް 15 ގެ ކުރިން އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ކުރުމަށް ތާވަލެއް އެކުލަވާލައި އެތާވަލާއެއްގޮތަށް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖޭގެ އިސްވެރިންތަކެއް ބައިވެރިވާ މިބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަދި ޖޮއިންޓް ސެކެޓްރީވެސް ބައިވެރި ވެލެއްވިއެވެ. އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވަވާ އެއް ވަޢުދެވެ.