ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށްޓަކައި ދިޔަ ދިވެހި އާއިލާތަކުގެ ތެރެއިން ފަސް އާއިލާއެއްގެ 21 މީހުން މިއަދު ރާއްޖެއަށް ގެނެސްފި އެވެ.
އެ މީހުން ރާއްޖެ ގެނެސްފައިވަނީ ޗާޓަޓުކޮށްގެން މަތިންދާ ބޯޓެއްގައި މިއަދު ހެނދުނު އެވެ. އެ މީހުންގެ ތެރޭގައި ތިބީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ގެނައި މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކުދިންނަކީ ސީރިއާގައި އުފަންވެފައިވާ ކުދިންނެވެ. އަދި އެ ކުދިން ދިވެހި ރަށްވެހިންނަށް ހެދީ ޑީއެންއޭ ޗެކްކުރުމަށް ފަހުގައިއެވެ.
ރާއްޖެ ގެނައި 21 މީހުންގެ މެޑިކަލް ޗެކަޕް ހެދުމަށް ފަހު، އެ މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ މަރުކަޒަށް މިއަދުގެ ވަގުތެއްގައި ގެންދާނެ އެވެ. އެމީހުން މުޖުތަމައަށް ދޫކުރާނީ އެ ސެންޓަރުގައި ރިހެބިލިޓޭޓް ކުރުމަށް ފަހުގަ އެވެ.