ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައވާ ގޮތުގައި މިމަހު 14 ވަނަ ދުވަހު ގަލޮޅު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުށަހަޅާފައިވާ އެފަދަ 3 މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ހައްޔަރުކުރެވިފައިއެވެ. އަދި މި މައްސަލައާ ގުޅޭ ތަކެތި އޭނާ ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ޖަނަވަރީ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ.