-Advertisement-

-Advertisement-

އިންޑިއާ ނުރުހޭ ސަރުކާރެއް ވެރިކަމަށް އައުމުން ޓެރަރިޒަމްގެ ހާއްޔަކަށް ދިވެހިރާއްޖެ ވީގޮތް!

ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އުފެދިފައިވާ ނުތަވަނަސްކަމުގެ ތެރެއިން ދިވެހިރާއްޖެއަކީ ޓެރަރިޒަމްގެ ހާއްޔެއްގެ ގޮތުގައި އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ވަނީ ދާދި ފަހަކުން ލޭބަލްކޮށްފައެވެ. އެގޮތުން އެގައުމުގައި އިނގިރޭސި ބަހުން ހަބަރުތަށް ގެނެސްދޭ އެންމެ މަޝްހޫރު އެއް ޓީވީ ޗެނަލްކަމަށްވާ ސީއެންއެން ނިއުސް 18 އިން 10 ޖެނުއަރީ 2024 ގައި ގެނެސްދިން މޯލްޑިވްސް ވާސަސް ލަކްޝަދީބު ރިޕޯޓުގައި ވަނީ ރާއްޖެއާ ބެހޭގޮތުން ސާބިތު ނުހިފޭ އެތަކެއް ވާހަކަތެއް ގެނެސްދީފައިއެވެ. މީގެ އިތުރުންވެސް އިންޑިއާގެ ފަސްޓްޕޯސްޓް، ގޯއާ ކްރޯނިކަލްސް އަދި އިންޑިއާ  ސަރުކާރުގެ ޕޮލިސީތައް ފަރުމާކުރުމަށް އެހީތެރެވެދޭ އޮބްސަރވަރ ރިސާޗު ފައުންޑޭޝަން (އޯއާރްއެފް) އިންވެސް ވަނީ ދިވެހިރާއްޖެއަކީ ޓެރަރިޒަމްގެ ހާއްޔެއްކަމަށް ދެއްކުމަށް މަސައްކަތްކޮށްފައިއެވެ.

ވީ ކިހިނެއް؟

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 4 ޖެނުއަރީ 2024 ގައި ވަނީ ލަކްޝަދީޕުގައި ސްނޯކްލިންއަށް ވަޑައިގަންނަވާ ތަނާއި އަތިރިމަތީގައި ވަގުތު ހޭދަކޮށްލައްވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި ލަކްޝަދީޕުގެ ރީތިކަމަށް ތައުރީފް ކުރައްވާފައިއެވެ. މިއާއެކު އެކްސްގައި ހަރަކާތްތެރިވާ ބައެއް އިންޑިއާ މީހުން ވަނީ މޯދީގެ މި ޕޯސްޓަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ ދާން ނުޖެހޭ ކަން އެންގުމަށް ކުރެއްވި ޕޯސްޓެއްކަމަށް ބުނެފައިއެވެ. އަދި ބައެއް މީހުން ވަނީ މޯދީގެ ޕޯސްޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށްވެސް ސިފަކޮށްފައިއެވެ. މިފަދަ ޕޯސްޓްތަކަށް ދިވެހިން ވެސް ވަނީ ރައްދު ދީފައިއެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ރާއްޖެ ބޯއިކޮޓްކުރުމަށް ގޮވާލާ ކެމްޕޭނެއް ފެށިފައިވާއިރު ދެގައުމުގެ ދެމެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ވަނީ އަސަރުކޮށްފައިއެވެ. ބޯއިކޮޓް މޯލްޑިވްސް ކެމްޕޭން ސޯޝަލް މީޑިއާގައި ހިނގަމުންދިޔައިރު އިންޑިއާގެ މެއިންސްޓްރީމް މީޑިއާތަކުން ވަނީ ދިވެހި ސަރުކާރާއި ރައީސް ޑރ. މުއިއްޒުއާމެދު ނަފުރަތު އުފެދޭފަދަ އެތަކެއް ހަބަރުތަކެއް ގެނެސްދީފައިއެވެ. މިހަބަރުތަކުގެ އިތުރަށް އިންޑިއާއިން ދިވެހިރާއްޖޭގެ އަގު ވައްޓާލުމަށް ކުރުމުންދާ މަސައްކަތުގެ ތެރެއަށް އިތުރު ބޮޅެއް އިތުރުވެފައިވަނީ 10 ޖެނުއަރީ 2024 ގައިއެވެ. އެގޮތުން މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ގެނެސްދީފައިވާ ހަބަރުތަކާއި ހިލާފަށް ސީއެންއެން ނިއުސް 18 އިން ވަނީ ދިވެހިރާއްޖެއަކީ ޓެރަރިޒަމްގެ ހާއްޔެއްގެ ގޮތުގައި ސިފަކޮށް ރިޕޯޓެއް ގެނެސްދީފައެވެ. މި ރިޕޯޓަށްފަހު ދިވެހިރާއްޖެއަކީ ޓެރަރިޒަމްގެ ހާއްޔެއްގެ ގޮތުގައި ދެއްކުމަށް އިންޑިއާގެ އެކިއެކި މީޑިއާތަކުން ދަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހިރާއްޖެއާ މެދު ކުރެވޭ ތުހުމަތުތައް

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒު ތުރުކީ ވިލާތަށް ކުރެއްވި ރަސްމީ ދަތުރަށްފަހު އިންޑިއާގެ މީޑިއާތަކުން ވަނީ ދިވެހިރާއްޖެ, ތުރުކީވިލާތް, ޕާކިސްތާން އަދި ޗައިނާ އަކީ ޓެރަރިޒަމްގެ ނެކްސަސްއެއްގައި ހިމެނޭ ގައުމުތަކެއްކަމަށް ތުހުމަތުކޮށްފައިއެވެ. މިތުހުމަތުތަކުގެ އިތުރަށް އިންޑިއާގެ މީޑިއާތަކުން ވަނީ ދިވެހިރާއްޖެއަކީ އެތަކެއް ނިރުބަވެރި ޖަމާއަތްތަކަކަށް ވާގިވެރިވާ ގައުމެއްގެ ގޮތުގައި ތުހުމަތުކޮށްފައިއެވެ. އެގޮތުން ލަޝްކަރޭ ތައިބާ، އިސްލާމިކް ސްޓޭޓް ގްރޫޕް، އިސްލާމިކް ސްޓޭޓް ޖައްމޫ ކަޝްމީރު، އިސްލާމިކް ސްޓޭޓް ހޮރަސާން، ޖައިޝޭ މުހައްމަދު އަދި އަލްޤައިދާ ފަދަ ނިރުބަވެރި ޖަމާއަތްތަކަށް ވާގިވެރިވާ ފަރާތްތައް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށާއި މިޖަމާއަތްތަކުގެ ބޭސްތައް ރާއްޖޭގައި ހުރިކަމަށް އިންޑިއާއިން ތުހުމަތުކޮށްފައިވެއެވެ. މީގެއިތުރުން 2019 ވަނަ އަހަރު ސްރީލަންކާގައި ދެވުނު ބޮމުގެ ހަމަލާތަކާއި އަދި 2008 ވަނަ އަހަރު މުމްބާއީގައި ދިން ބޮމުގެ ހަމަލާތަކާއި ރާއްޖެއާއި ގުޅުން އޮތްކަމަށް ތުހުމަތުކޮށްފައިވެއެވެ.

މިކަންކަމުގެ އިތުރަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ޓެރަރިޒަމަށް ފަންޑުކުރާ ވިޔަފާރިތަކުން ހަރަކާތްތެރިވާ ސިނާއަތެއްކަމަށާއި މިސިނާއަތް މެދުވެރިކޮށް މަނީލޯންޑަރކުރުމުގެ މަސައްކަތްކުރާކަމަށްވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ތުހުމަތުކޮށްފައިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ނިރުބަވެރި ހަމަލާތަށް އިތުރުވާނެކަމަށްވެސް މިފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންޑިއާއިން އަމަލުކުރަނީ ކިހިނެތް?

ދިވެހިރާއްޖެއާ އިންޑިއާ އާއި ދެމެދު މިހާރު ޖެހިފައިވާ މައްސަލައާއިމެދު އިންޑިއާ ސަރުކާރުން އަޅާނެ ފިޔަވަޅުތަކަށް ބަލާލުމުގެ ކުރިން އިންޑިއާ ރައްޔިތުން މިކަމާމެދު ދެކޭގޮތް ބަލާލުމަކީ މުހިންމުކަމެކެވެ. އިންޑިއާ ރައްޔިތުންނަކީ ނުހަނު ވަތަނީ ބަޔަކަށް ވުމާއެކު މިމައްސަލަ ފެށުނު ހިސާބުންވެސް އެމީހުން ވަނީ އެގައުމުގެ ބޮޑުވަޒީރާއި އޭނާގެ ސިޔާސަތުތަކާ އެއްކޮޅަށް ސޯޝަލް މީޑިއާގެ ތަފާތުއެކި މަންސަތަކުގައި ހިޔާލުފާޅުކުރަން ފަށާފައިއެވެ. އެގޮތުން ބައެއް މީހުން ވަނީ ރާއްޖެއަކީ އިންޑިއާއަށް އޮތް ނުރައްކަލެއް ކަމަށާއި އިންޑިއާ ސިފައިން ފޮނުވައިގެން ދިވެހިރާއްޖެ އެގައުމުގެ ބާރުގެ ދަށަށް ގެނައުމަށް ގޮވާލާފައެވެ. ދެގައުމުގެ މެދުގައި މައްސަލަތަކެއް ޖެހިފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވަނީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗް މަހު ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައިއެވެ. މިއާއެކު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެމްބަރެއްކަމަށްވާ ސުބްރަމާނިޔަމް ސުވާމީ ވަނީ އިންޑިއާ ސިފައިން ފޮނުވާ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ގޮވާލާފައިއެވެ. ކަންމިހެން ހުރިއިރު އާންމު ގޮތެއްގައި ސޯޝަލް މީޑިއާއިން ފެންނަ މަންޒަރަކީ އިންޑިއާ ރައްޔިތުން ދިވެހިރާއްޖެއާއި ދިވެހި ސަރުކާރާމެދު ނަފުރަތު އުފައްދާ މަންޒަރެވެ. ދިވެހިރާއްޖެއަކީ ޓެރަރިޒަމްގެ ހާއްޔެއް ކަމަށާއި އިންޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ދެއްކުމަށްޓަކައި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އިގްތިސާދު ފުނޑާލުމުގެ މަގްސަދުގައި ހައްދުފަހަނައަޅާފައިވާ އިންޑިއާގެ ބަޔަކު ފަހަތުގައި ތިބެ ދިވެހިރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ރޭވުމަކީވެސް ވުން ގާތްކަމެކެވެ.

އިންޑިއާ ސަރުކާރުން މީގެކުރިން ވެސް ވަނީ މިފަދަ ދަނޑިވަޅުތަކުގައި ދިވެހިރާއްޖެއަށް ފިއްތުންތަކެއް ކުރިމަތިކޮށްފައިއެވެ. އެގޮތުން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކަށް ވިސާ ދިނުމުގައި ދަތިކުރުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވާތްތަށް އެކްސްޕޯޓް ކުރުން ހުއްޓުވުން ފަދަ ކަންކަން އެގައުމުން ކޮށްފައި އެބަހުއްޓެވެ. އެހެންކަމުން މިމައްސަލަގަނޑުގެ ތެރެއިންވެސް މިފަދަ ކަންކަން ފެނުމަކީ ދުރުކަމެއް ނޫނެވެ.

އިންޑިއާގެ ޙަޤީޤީ މަޤްސަދު

ދިވެހިރާއްޖޭއާއިމެދު ކޮށްފައިވާ ތުހުމަތުތަކަށް ބަލާލާއިރު ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށްފައިވާ ގްރޫޕްތަކަކީ ދައުލަތުން ނިރުބަވެރި ގްރޫޕްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކެކެވެ. މީގެ އިތުރުން މުމްބާއީ އަދި ލަންކާގައި ދިން ނިރުބަވެރި ހަމަލާތަކުގައި ދިވެހިން ބައިވެރިވާކަމަށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސްކަހަލަ ހެއްކެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫނެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ އަމަލުތަކެއް ރާއްޖޭގައި މިދަރަޖައަށް ގޮސްފައިވާއިރު އިންޑިއާއިން މީގެކުރިން މިކަމާމެދު އަޅާނުލާ އޮތުމުން އިންޑިއާގެ މީޑިއާތަކުން މިފަދަ ވާހަކަތަކެއް މިވަގުތު ދައްކަން ޖެހުނީ ކީއްވެގެންކަމާ މެދު ސުވާލުއުފެދެއެވެ. އިންޑިއާއިން މީގެ ކުރިން އެކިކަންކަމުގައި އަމަލުކޮށްފައިވާ ގޮތުން މިވާހަކަތަކަކީ އިންޑިއާ ނުރެހޭ ސަރުކާރެއް ދިވެހިރާއްޖޭގެ ވެރިކަމަށް އައުމާއެކު ސަރުކާރު ވައްޓާލައި އިންޑިއާ ރުހޭ ސަރުކާރެއް ގާއިމުކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ނުގެންދިއުމަށް ދައްކާ ބަހަނާތަކަކަށް ވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އެހެންކަމުން އިންޑިއާ ނުރެހޭ ވެރިއަކު ދިވެހިރައްޔިތުން އިންތިހާބު ކުރުމާއެކު ދިވެހިރާއްޖެ މިވަނީ ޓެރަރިޒަމްގެ ހާއްޔަކަށް ވެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-