މެޑިކަލް އެމަޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ގޮތް ހަދައިފިއެވެ.
އިމިގްރޭޝަންގެ ފަރާތުން ނެރިފައިވާ ބަޔާނެއްގައި ވާގޮތުން މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެއްދުމަށް އަންނަ މީހުންނަށް ކޮންމެ ވަގުތަކުވެސް އެ ހިދުމަތްލިބިގެންދާނެއެވެ. އަދި މިފަދަ މީހުންނަށް ޕާސްޕޯޓް ހެއްދުމަށް އިމިގްރޭޝަން އަށް ހާޒިރުވުމުން، އިމިގްރޭޝަންގެ އެހީތެރިކަމާއެކު ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ޕޮޓޯ ނެގުމުގެ އިންތިޒާމް ވެސް ފޯރުކޮށްދެވޭނެކަމަށް ބަޔާނުގައިވެއެވެ.
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ހިދުމަތް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވަނީ އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފޯމް ހުށަހެޅުމަށް ދަތިވާ ހާލަތްތަކުގައި ޕާސްޕޯޓަށް އެދޭވެނެ އެހެން މަގެއް ފަހިކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.