ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތް ބަލިކަށިކުރުމަށް، އިޒްރޭލުން ހަމާސްއަށް ފައިސާ ދީ ބާރުވެރިކުރުވި ކަމަށް ޔޫރަޕިއަން ޔުނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ތުހުމަތުކުރައްވައިފި އެވެ.
މީގެ ކުރިންވެސް އެކި ފަރާތް ތަކުގެ ތުހުމަތުތައް އިޒްރޭލަށް އަމާޒުވެފައިވެއެވެ. އިޒްރޭލުން ހަމާސް އަށް ފަންޑުކުރުމުގެ އިތުރުން ގަތަރުން ހަމާސްއަށް ދޭ ފައިސާ ނުހުއްޓުވައި ހަމާސްއަށް ލިބޭނެ މަގުތައް ތަނަވަސްކޮށްދީގެން އިޒްރޭލުން ތިބޭ ކަމަށް ވެސް މިގޮތަށް ތުހުމަތުކުރާ މީހުން ބުނެ އެވެ.
ބޮރެލް ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ސުލްހެވެރިކަމާ އެކު ހައްލުވާނެ ހަމައެކަނި ގޮތަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމެވެ.
އިޒްރޭލުން ހަމާސް ބާރުވެރިކުރުވުމަށް އެހީވެފައިވާ ކަމަށް، ބައިނަލްއަގުވާމީ މައިދާނުގައި ނުފޫޒު ގަދަ ބޭފުޅަކު ތުހުމަތުކުރައްވާފައި ވާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކި ފަހަރުމަތިން ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައިއެވެ.