-Advertisement-

-Advertisement-

މުސްއަބު ވަކިކުރީ ގޯސްކޮށް: ސުޕްރީމް ކޯޓް

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ހިލާފަށް ނަމަވެސް އެބޭފުޅާއަށް ބަދަލުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން އަންގާފައިވާ ބައި ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން އިން ބެލި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު މުސްއަބު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލާގައި ހައި ކޯޓުން ވަނީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް ނިންމާފައިއެވެ.

އެ މައްސަލަ ސީއެސްސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ހުކުމް ކޮށްފައިވާއިރު އެ ހުކުމުގައިވަނީ މުސްއަބު ވަކިކުރީ ދައުލަތުގެ ރަސްމީ ލިޔުމެއް ޓްވިޓާގައި އާންމު ކުރުމުން ކަމަށް ވަޒީފާއިން ވަކިކުރި ލިޔުމުގައި ބަޔާން ކުރާއިރު އެ ލިޔުމަކީ ސިއްރު ލިޔުމެއް ކަން ސާބިތުކޮށް ނުދެވޭ ކަމަށާއި އެކަމަކީ ގާނޫނުގެ ދަށުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު ކަމަށްވާ ވަޒީފާއިން ވަކިކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ނޫން ކަމަށްވާތީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

ހުކުމުގައިވާ ގޮތުން ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވީނަމަވެސް، ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ނަގައިދިނީ ގޯސްކޮށެވެ. ސަބަބަކީ މުސްއަބުގެ ފަރާތުން ބަދަލު ނަގައިދޭން ފުރަތަމަ އެދިފައިވަނީ ހައިކޯޓުގެ މަރުހަލާ ކަމަށްވާތީ އާއި ބަދަލު ނަގައި ދިނުމަކީ ފުރަތަމަ މަރުހަލާގައި ހުށަހެޅި، ގޮތް ނިންމަންޖެހޭ ކަންކަމަށް ވާތީ ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން، ބަދަލުގެ ގޮތުގައި 1.1 މިލިއަން ދޭން އެންގި ބައި ބާތިލްކުރާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ނަމަވެސް މުސްއަބުގެ ފަރާތުން ބަދަލު ހޯދަން އެދޭނަމަ އެކަމަށް ވަކި މައްސަލައެއް ހުށަހެޅުމުގެ ހައްގު މުސްއަބަށް އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-