މޮތާޒް އަޒައިޒާ ނުދައްނަ މީހަކު މަދުވާނެއެވެ. ރާއްޖޭގައިވެސް މޮތާޒް އަކީ ދެކެ ފަރިތަ މޫނެކެވެ. މޮތާޒް, އޭނާގެ ކެމެރާގެ އެހީގައި އަސްލު ޣައްޒާގެ ހާލަތު މީސްމީޑިޔާ މެދުވެރިކޮށް މުޅި ދުނިޔެއަށް ދައްކާލައި އެތައް ބައެއްގެ ލޯބި ހޯދަމުންދާ ނޫސްވެރިއެކެވެ. 108 ދުވަސް ވަންދެން އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ތަޖްރިބާކޮށް މުޅި ދުނިޔެއަށް ދެއްކުމަށް ފަހުގައި މޮތާޒް ވަނީ އިއްޔެ އޭނާގެ އުފަން ބިން ފަލަސްތީން ދޫކޮށް އެވައްޓެރި ގަތަރަށް ދަތުރު ކޮއްފައިއެވެ.
So,
— MoTaz (@motazazaiza9) January 23, 2024
I had to evacuate for a lot of reasons you all know some of it but not all of it.
Thank you all
Pray for Gaza. pic.twitter.com/sIqULe9d5V
18 މިލިޔަނަށް ވުރެ ގިނަ ފޮލޯވާސްއަށް މޮތާޒް އިންޓަގްރާމްގައި ހިއްސާ ކޮއްފައިވާ ވީޑިއޯ އެއްގައި އޭނާ ބުނެފައިވަނީ މިއަދަކީ އޭނާ ނޫސްވެރިއެއްގެ ގޮތުގައި ޣައްޒާގައި މަސައްކަތް ކުރާ ފަހު ދުވަސް ކަމަށެވެ. ތަފާތު ސަބަބުތަކަށްޓަކައި ފަލަސްތީނުން އެހެން ގައުމަކަށްދާ ނިންމާފައިވާކަމަށެވެ.
އިޒްރޭލުން އެންމެ ބިރު ގަންނަ އެއް ވަސީލަތަކީ ސޯޝަލް މީޑިޔާއެވެ. ސޯޝަލް މީޑިޔާގައި އެމީހުންނަކީ “ވިކްޓިމް” ކަމުގައި ދެއްކުމަށް އެތައް މިލިޔަންއިން އެޒްރޭލުން ދަނީ ހަރަދު ކުރަމުންނެވެ. ނަމަވެސް މި ކަމަށް އޮތް އެންމެ ބޮޑު އެއްގޮންޖެހުމަކީ މޮތާޒް އާއި އޭނާގެ އެކުވެރި ހިއްވަރުގަދަ ފަލަސްތީނުގެ ނޫސްވެރިންނެވެ.
2021 ވަނަ އަހަރު ޣައްޒާގެ އަލް އަޒްހަރު ޔުނިވާސިޓީއިން ‘އިންގްލިޝް ލެންގުއޭޖް އެންޑް ލިޓްރެޗާ’ އިން މަތީ ތައުލީމު ހާސިލް ކުރި ނަމަވެސް ޣައްޒާގައި ކުރިއަށް ދާނެ ރަނގަޅު ދާއިރާތަކެއް ނެތުމުން ކިޔެވުން ނިންމާލުމަށް ފަހު ޣައްޒާގެ އެހެން ޒުވާނުންނެކޭ އެއްފަދައިން މޮތާޒްވެސް މާޔޫސްކަމާ ކުރިމަތި ލާން ޖެހުނެވެ. އެހެން ނަމަވެސް ކުޑައިރުން ފެށިގެން ފޮޓޯ ނެގުމަށް ހުންނަ ޝައުގުވެރިކަމާއެކު މޮތާޒް ދިޔައީ އޭނާގެ އިންސްޓަގްރާމްގައި ޣައްޒާގެ ހިއްގައިމު ރީތި މަންޒަރުތައް އޭނާގެ އޭރު ތިބި 25000 ވަރަކަށް ފޮލޮވާސް އާ ހިއްސާ ކުރަމުންނެވެ. އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ދުނިޔެއަށް ދެއްކުމަށް 24 އަހަރުގެ ޒުވާނާ ކެމެރާ ހިފައިގެން ނުކުތީ އެނޫން ގޮތެއް ނެތީމައެވެ.
“އެއްވެސް މީހަކަށް އެއްވެސްތާކު ސަލާމަތްތެރިކަމެއް ނެތް. ގޭގައި ހުރުން ނޫނީ މަގުމައްޗައް ނުކުތުން ފިޔަވާ އިތުރު ގޮތެއް ނެތް. ކީއްވެ އަހަރެން ގޭގައި ހުންނަންވީ؟ އަހަރެން އަހަރެންގެ ކެމެރާއިން ދުނިޔެއަށް ދެއްކެން އޮތް ހަގީގަތެއް ދައްކާނަން” މޮތަޒް ހިއްސާކޮށްފައި ވެއެވެ.
ފާއިތުވި 3 މަސް ތެރޭ އެކަނިވެސް އިޒްރޭލުންވަނީ ލާއިންސާނީ އެތައް ހަމަލާތަކެއް ޣައްޒާއަށް އަމާޒުކޮށްދީފައެވެ. އަދި މި ހަމަލާތަކުގައި 25000 ހާހަށްވުރެގިނަމީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
މިހަމަލާތަކުގައި މޮތާޒް އާއިލާގެ ވެސް ގިނަ ބަޔަކުވަނީ ދުނިޔެ ދޫކޮށްފައެވެ. އޭގެތެރެއިން އެއްވެސް މީހަކީ ހަމާސް ޖަމާޢަތާ އެއްވެސް ގުޅުމެއް ހުރި ބައެއްނޫން ކަމަށް މޮތާޒްވަނީ ހިއްސާކޮށްފައެވެ.“ފަލަސްތީނުގެ ރައްޔިތުން ދަނީ މި ވޭތުވެދިޔަ 75 އަހަރު މި ލާއިންސާނީ އަމަލުތައް ތަހައްމަލު ކުރަމުން. ދުނިޔެއަށް މިކަން އެނގެންޖެހޭ. އަހަންނަކީ ހަމާސް އާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން. އަހަރެން އަހަރެންގެ ގޮތުގައި ދިރިއުޅެން ލޯބިކުރަން. އަހަރެން ނޭދެން މީ އަބަދައް ދެމިގެންދާ ކަމަކަށްވާން.” ދަ ނިއު އަރަބް އަށް ދިން އިންޓަރވިއު އެއްގައި މޮތާޒް ހާމަ ކޮށްފައި ވެއެވެ.
އަމިއްލަ އާއިލާގެ ރައްކާތެރި ކަމަށް އިސްކަމެއް ދެމުން، މޮތާޒް މަސައްކަތް ކުރަމުން ދިޔައީ އަދި މިހާރުވެސް ކުރަމުން ދަނީ އިޒްރޭލުން ހުޅަނގުގެ ގައުމުތަކާ ގުޅިގެން ހިންގާ ލާއިންސާނީ އަމަލުތައް ދުނިޔެއަށް ހާމަކޮށް ޢައްޒާގެ ރައްޔިތުންގެ އަޑު ދުނިޔެއަށް ފޯރުކޮށްދިނުމަށެވެ. އެހެންނަމަވެސް މިއީ ފަސޭހަ ކަމެއް ނޫނެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ މޮތާޒްވަނީ ހިތްދަތި އެތައް މަންޒަރެއް ދުނިޔެއަށް ދައަކާލާފައެވެ.
“އަހަރެމެން ވަރުބަލި ވެއްޖެ. ނަފްސާނީ ގޮތުން މީހާ އެއްކޮށް ނިކަމެތި ކޮށްލައިފި. އެތައް ފުރާނައެއް ގެއްލިއްޖެ” މޮތާޒް އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކުރި ވީޑިއޯ އެއްގައި ބުނެފައިވެއެވެ.
އިޒްރޭލުންދަނީ ސީދާ ނޫސްވެރިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ނޫސްވެރިނަ ވަނީ ޝަހީދު ކޮށްލާފައެވެ. އެތަށް ނޫސްވެރިއެއް ހައްޔަރުކޮށް އެމީހުންގެ އާއިލާގެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވެއެވެ. މިގޮތުން މޮތާޒަށް ވެސް އެތަށް ފަހަރެއްގެ މަތިން މަރުގެ އިންޒާރު ފޮނުވައި ބިރުދައްކަން މަސައްކަތް ކޮށްފައިވެއެވެ. މިއިން ކޮންމެ ފަހަރަކު އޭނާވަނީ އަޒުމް އިތުރަށްވަރުގަދަ ކޮށް މައިދާނަށް ނުކުމެފައެވެ. މޮތާޒްވަނީ އޭނާގެ ކެމެރާގެ އެހިގައި އެތައް މިލިއަން ބައެއްގެ ލޯހުޅުވާލަ ދީފައެވެ. ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަން ޖެހިފައިވާ ހިއްދަތި އެތައް މަންޒަރެއް ދުނިޔެއް ދައްކައި ދީފައެވެ. މޮތާޒް ނަގާފައިވާ ފޮޓޯތަކަކީ އެއްވެސް ބަޔެއްގެ ހިތުން ފިލައިގެން ދާނެ މަންޒަރުތަކެއް ނޫނެވެ. މޮތާޒް ނަގައިފައިވާ ފޮޓޮއެއްވަނީ ޓައިމްސްގެ ގަދަ 100 ފޮޓޯ ގައިވެސް ހިމެނިފައެވެ.

މޮތާޒް އަޒައިޒާ އޭނާގެ އުފަން ބިން ދޫކޮށް ގަތަރަށް ގޮސްފައިވަނީ މިލިޓަރީ އުޅަދެއްގައި ގަތަރު ސަރުކާރުގެ އެހީގައިއެވެ. އޭނާ ބުނެފައިވާ ގޮތުގައި މިއީ އޭނާ ފްލައިޓަކަށް އެރި އެންމެ ފުރަތަމަ ފަހަރެވެ. ގަތަރަށް އާދެވުމާއެކު މޮތާޒް އޭނާގެ މަސައްކަތް އާހިއްވަރަކާއި އެކު ފެއްޓިއެވެ. އޭނާ ވަނީ އަލް ޖަޒީރާ އޮފީހަށް ގޮސް އެތާގައި ތިބި ނޫސްވެރިންނާ ބައްދަލުކޮއްފައިއެވެ. އަދި އަލް ޖަޒީރާއަށް އިންޓަވިއު އެއްވެސް ދީފައިއެވެ.
Our smile is a kind of resilience @WaelDahdouh pic.twitter.com/VdNhY0RhG0
— MoTaz (@motazazaiza9) January 24, 2024
މޮތާޒް ބުނެފައިވަނީ އޭނާގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށާއި, އޭނާ ކުރަމުން ދިޔަ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އަނބުރާ ޣައްޒާގެ ބިމަށް ދާނެ ކަމަށާ، އަދި އަލުން އެބިން އާރަސްތު ކުރުމަށް އެހީ ވާނެކަމަށެވެ.
މޮތާޒްއަކީ ގައުމީ ލޭ ހިނގާ, ގައުމަށް ލޯބިކުރާ ޒުވާން ހިއްވަރު ގަދު ނޫސްވެރިއެކެވެ.