ސަރުކާރުގެ ފަރާތުން ކުރިއަށްދާ އަދި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.
ޕީއެސްއެމްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި 5 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. “އަހާ”ގެ ނަމުގައި 2 ގަޑިއިރަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު: ޢާއިޝަތު ޝިހާމް، އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު: ޢަބްދުﷲ ރާފިޢު އެވެ.
ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައިއެވެ. މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.