ރަފާހްގައި އިސްރާއީލުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ އަސްކަރީ އޮޕަރޭޝަން އާއި ގުޅިގެން މަޖުބޫރުން އާބާދީ ބަދަލުކުރުން ވާނީ ހަނގުރާމައިގެ ޖަރީމާއަކަށް ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.
މެކްރޮން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަ މިހެން ވިދާޅުވެފައިވާއިރު، މެކްރޮން އިތުރަށް ވިދާޅުވީ ރަފާހްގައި ހިންގުމަށް ނިންމާފައިވާ އަސްކަރީ އޮޕަރޭޝަންއާއި ދެކޮޅު ކަމަށެވެ.
މި އަސްކަރީ އޮޕަރޭޝަން ކުރިޔަށް ނުގެންދިޔުމަށް އެކި ގައުމުތަކުން އަޑު އުފުލަމުން ގެންދާއިރު، ރަފާހްގައި މިވަގުތު ޣައްޒާގެ އާބާދީގެ ބޮޑު ބަޔެއް ދަނީ ހިމާޔަތް ހޯދަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 31000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައިވާއިރު އެތައްބަޔަކަށް އަނިޔާވެ ގެދޮރު ގެއްލި ބިކަހާލުގައި ޖެހިފައިވެއެވެ.