އިގްތިސާދީ އަޑިގަނޑެއްގައި އޮތް ސްރީ ލަންކާއަށް މާލީ ގޮތުން އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ޗައިނާއިން އަނެއްކާވެސް ދީފި އެވެ.
ބަނގުރޫޓުވެފައިވާ ލަންކާއިން ދައްކަންޖެހޭ ފައިސާގެ 10 ޕަސެންޓަކީ ޗައިނާގެ ލޯނުތަކެވެ. މި ލޯނުތައް ދެއްކުމުގައި ލުއި ގޮތެއް ހަމަޖެހޭތޯ ބެލުމަށް ލަންކާގެބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ ޗައިނާއަށް ހޯމަ ދުވަހު ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުުކުރައްވާފައިވާއިރު،.
މި ދަތުރާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ ޗައިނާ އޮތީ ލަންކާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށްކަމަށެވެ.
ލަންކާގެ ލޯނުތައް ރީސްޓްރަކްޗާކުރުމަކީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަންކާ އަށް އެހީވުމުގައި ކޮށްފައިވާ ޝަރުތެއް ކަމަށް ވާއިރުއެކަމަށް އިޝާރާތްކޮށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ޗައިނާގެ މާލީ އިދާރާތަކުން ލަންކާ އެކު އެކުވެރި ގުޅުމެއް ބާއްވާނެ ކަމަށެވެ.
އަދި ދެވެން ހުރި ލުއިތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބުންޏެވެ.
ޗައިނާގެ “ބެލްޓް އެންޑް ރޯޑް” އިނިޝިއޭޓިވްގެ ދަށުން ލަންކާގެ ހަމްބަންޓޯޓާގައި ހަދާފައިވާ ބަނދަރާއި ޕޯޓް ސިޓީ ކޮލަމްބޯ ޕްރޮމޯޓްކުރުމަށް ކުރެވެން ހުރިމަސައްކަތްތައް ކުރުމަށް ވެސް ދެ ގައުމުން އެއްބަސްވި ކަމަށް ބަޔާނުގައިވެ އެވެ.
ލަންކާގައި 10 އަހަރު ވަންދެން ވެރިކަންކުރެއްވި މަހިންދަ ރާޖަޕަކްސްގެ ވެރިކަމުގައި ހަމްބަންޓޯޓާގައި ހެދި ބަނދަރު ވެފައިވަނީ ލަންކާ އަށްނުބެލެހެއްޓޭވަރުގެ ބޮޑު އިންވެސްޓްމަންޓަކަށެވެ. މި ބަނދަރު ހަދަން ނެގި ބޮޑު ލޯނު ނުދެއްކި މިހާރު ވަނީ އެ ބަނދަރު ޗައިނާ މާޗަންޓްސް ގްރޫޕް އަށް1.12 ބިލިއަން ޑޮލަރަށް 99 އަހަރަށް ދީފަ އެވެ.