މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމުން އިސްރާއީލުން ހަމާސްއާ ދެކޮޅަށް ފެށި ހަނގުރާމައިގައި އިރާންގެ ތާއީދު ލިބިފައިވާ ލުބްނާންގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲއިން އިސްރާއީލުގެ އެންމެ އެތެރެއަށް ހަމަލާތަކެއް ފޮނުވާލައިފިއެވެ.
ހިޒްބުﷲގެ ހަމަލާތައް އަމާޒު ކުރީ އިސްރާއީލުގެ އުތުރުގައި އޮންނަ އާކްރާ ނަމަކަށް ކިޔާ ސިޓީއެއްގެ ކައިރިއަށެވެ.
މި ހަމަލާތައް ދީފައިވަނީ ދެކުނު ލުބުނާންގައި އެ ޖަމާއަތުގެ ހަނގުރާމަވެރިއެއް ކަމަށްވާ ހުސައިން އަޒްކޫލް އިސްރާއީލުގެ އަސްކަރިއްޔާއިން މަރާލީމާ ކަމަށް ހުޒްބުﷲ އިން ވަނީ ބުނެފައިއެވެ.
އިއްޔެ ނެރުނު ބަޔާނެއްގައި ހިޒްބުﷲއިން ބުނީ އިސްރާއީލަށް ހަމަލާތައް ދިނީ ޑްރޯންތަކެއް ބޭނުންކޮށްގެން ކަމަށާއި، ފޮނުވާލި ހަމަލާތަކުގައި އިސްރާއީލުގެ އާކްރާ އާއި ނަހަރަޔާގެ ދޭތެރޭގައި ހުރި ދެ އަސްކަރީ މަރުކަޒަކަށް އަމާޒު ކުރި ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އިސްރާއީލުން ބުނީ އެ ގައުމުގެ އެއްވެސް އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް އިސްރާއީލުގެ އުތުރު އައްސޭރިއާ ދިމާއިން އައި ދެ ވައިގެ ހަމަލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުންޏެވެ.
ލުބްނާންގެ ރަސްމީ ނޫސް އޭޖެންސީ، ނެޝަނަލް ނިއުސް އޭޖެންސީ (އެން.އެން.އޭ.) އިއްޔެ ފަހުން ބުނީ އިސްރާއީލުން ދެކުނު ލުބްނާންގެ އަވަށެއް ކަމަށްވާ ހަނީންއަށް ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު މަރުވެ، ހަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ހިޒްބުﷲއިން ބުނީ މި ހަމަލާގައި އާއްމުންގެ ދެ މީހުން މަރުވުމާ ގުޅިގެން އިސްރާއީލުގެ އުތުރުގެ ސަރަހައްދަކަށް އިއްޔެ ރޮކެޓް ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ.
މި ހަމަލާތަކުގެ ސަބަބުން އިސްރާއީލާއި އަދި ލުބްނާންގެ ވެސް އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށްލާފައި ދާން ޖެހިފައިވެއެވެ.