އިސްރާއީލުގެ ލީޑަރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަން ބޭނުން ނުވަނީ ސިޔާސީ ސަބަބުތަކާހުރެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއެޖެއެވެ.
އަންގާރަ ދުވަހު ޓައިމް މެގަޒިން އިން ނެރުނު އިންޓަވިއުއެއްގައި ޖޯ ބައިޑަން މިހެން ވިދާޅުވެފައިވީ ނަމަވެސް މި އިންޓަވިއުއަކީ ބައިޑެންގެ ފަރާތުން ހުށައެޅި ސުލްހައިގެ ޕްރޮޕޯސަލްގެ ކުރިން ދީފައިވާ އިންޓަވިއުއެއްކަން ފާހަނގަ ކޮށްލެވެއެވެ. މެއި މަހު 28 ވަނަ ދުވަހު ދިން މި އިންޓަވިއުގައި ބައިޑަން ވަނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ހަމަލާތަކުގެ ބަދަލުގައި އެގައުމުން ހެދި ގޯސްތައް ތަކުރާރު ނުކުރުމަށް އިޒްރާއިލަށް އިންޒާރު ދިފައެވެ. އެ ހަމަލާތަކަށްފަހު އެމެރިކާއިން ވަނީ ކެނޑިނޭޅި އެތައް ގައުމެއްގައި ހަނގުރާމަ ކޮށްފައެވެ.
މިދިޔަ މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕީޖީ ވަނީ ޣައްޒާގެ ހަނގުރާމައިގައި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް ޗީފްގެ އިތުރުން ހަމާސްގެ ތިން ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރެދިނުމަށް އެދިފައެވެ.
އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގައި 36،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެތަނުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.