މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ދަތުރުކުރާ ހުރިހާ ޙައްޖުވެރިންވެސް އެސަރަހައްދުގެ ގަދަހޫނުން ރައްކާތެރިވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އެގައުމުން އިލްތިމާސްކޮށްފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް އަހަރުގެ އެންމެ ހޫނުގަދަ މޫސުމުގައި މައްކާއަށް ހައްޖު ކުރުމަށް އައިސްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންނަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު ކަންބޮޑުވުންތަކެއް ސައުދީ ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން މުޅި ދުނިޔޭގެ ވެސް ފިނިހޫނުމިން އަހަރަކަށްފަހު އަހަރެއް މަތިވަމުންދާއިރު, މައްކާ ސަރަހައްދުގައިވެސް ހޫނުމިން ކޮންމެ އަހަރަކު މަތިވަމުންދާކަން ފާހަނގަ ކުރެވެއެވެ.
މިދިޔަ އަހަރުގެ ޙައްޖުގެ މޫސުމުގައި ފިނިހޫނުމިން ހުރީ 43 ޑިގްރީއިން 45 ޑިގްރީއާއި ދެމެދުގައެވެ. މިއަހަރު 48 ޑިގްރީއާއި ހަމަޔަށް ހޫނުވެދާނެކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިންވަނީ ލަފާކޮށްފައެވެ. އެހެންކަމުން, ހުރިހާ ޙައްޖުވެރިންވެސް, އަދި ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ބަލި ހާލަތުތައް ހުންނަ މީހުން ގިނައިން ފެންބުއިމާއި, ބޮލަށް ފެންއަޅުން އަދި މެންދުރު އެންމެ ހޫނު ވަގުތު ކޮންމެ ދާންޖެހޭ ތަނަކަށް ނޫނީ ބޭރަށް ނުދިޔުމަށްވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށްދާ ދުވާލުގެ ހުރިހާ ވަގުތެއްގައިވެސް ކުޑަ ބޭނުންކުރުމަށްވެސް އަންގާފައިވެއެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުންވެސް ވަނީ ޙައްޖުވެރިން ގަދަހޫނުން ރައްކާތެރިކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އަރަފާތުގެ ނަމިރާ މިސްކިތުގެ ވަށައިގެންވާ މަގުތަކުގައި ހޫނުމިން ދަށްކޮށްދޭ ކޯޓިންއެއް އެޅުން ހިމެނެއެވެ.
މީގެ އިތުރުން މައްކާ އަދި މަދީނާގެ ދެ ހަރަމްފުޅުގައިވެސް ހުކުރު ޚުތުބާ އަދި އެހެން ހުރިހާ ނަމާދެއްވެސް ޙައްޖު ދުވަސްވަރު ކުރުކޮށް ކުރުމަށާއި ބަންގިއާއި ގަމަތުގެ ދޭތެރޭގެ ވަގުތު ކުޑަކުރުމަށް އިމާމުންނަށް ވަނީ އަންގާފައެވެ. ދެހަރަމްފުޅުގެ ދީނީ ކަންކަމުގެ އިސްވެރިޔާ ޝެއިޚް އަބްދުއްރަހްމާން އަލް ސުދާއީސް ވިދާޅުވީ މި ފިޔަވަޅުގެ މަގުސަދަކީ ދެހަރަމުގެ މިސްކިތުގެ ގޯތިތެރޭގައި އަޅުކަންކުރާ މީހުން ގަދަ ހޫނުން ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
މި އަހަރުގެ ޙައްޖުދުވަހަކީ 15 ޖޫން ވާ ހޮނިހިރު ދުވަހެވެ.