ޙައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ހުއްދަ ނުނަގާ, ޤަވާއިދާ ޚިލާފަށް ޙައްޖުކުރުމަށް މަސައްކަތް ކުރި 300,000 އަށްވުރެ ގިނަ މީހުން ހުއްޓުވާފައިވާކަމަށް ސައުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ހާމަކޮށްފިއެވެ.
ބުދަ ދުވަހު އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކަށްވުރެ ވަރުގަދަ ސެކިއުރިޓީ ނިޒާމަކުން މައްކާއަށް އެތެރެވާ މީހުން މިއަހަރު ބަލާފައިވާ ކަމަށެވެ. އެގޮތުން ޙައްޖު ޕާމިޓް ނުނަގާ 300,000 އަށްވުރެ ގިނަމީހުން މީހުން ހުއްޓުވާފައިވާ އިރު, އެތަނުން 153,998 މީހުންނަކީ ޓޫރިސްޓު ވިސާގައި އެގައުމަށް އެތެރެވެފައިވާ އެހެން ގައުމުތަކުގެ މީހުންނެވެ.
މިގޮތަށް ގަވާއިދާ ޚިލާފަށް ޙައްޖުވުމަށް މީހުން މައްކާއަށް އެތެރެވުމަށް އެހީތެރިވާ މީހުންނާއި, އެމީހުން އުފުލުމަށް އުޅަނދުފަހަރު ދުއްވާ މީހުންނަށް ހަރުކަށި އަދަބު ސައުދީ ސަރުކާރުން މިއަހަރު ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި 10,000 ރިޔާލުން ޖޫރިމަނާ ކުރުމާއި, ޖަލުގެ ހުކުމުގެ އިތުރުން ބޭރު މީހުން އެގައުމުން ޑީޕޯޓް ކޮށްލުން ހިމެނެއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް 1.5 މިލިއަން އަށްވުރެ ގިނަ މީހުން މައްކާއަށް ދަތުރުކޮށްފައިވެއެވެ.