-Advertisement-

-Advertisement-

އިރާނު އިންތިޚާބުގެ ވޯޓުލައި ނިމިއްޖެ, ޚަމަނާއީގެ ތާއީދު އޮތް ޖަލީލީ އަދި ޕެޒެޝިއާން ދެވަނަ ބުރަކަށް!

އިރާނުގެ ކުރީގެ ރައީސް އިބްރާހީމް ރައީސީ ހެލްކޮޕްޓަރު އެކްސިޑެންޓެއްގައި މިދިޔަ މަހު ނިޔާވުމާއި ގުޅިގެން އެގައުމުގެ އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލައި ނިމިއްޖެއެވެ.

ހުކުރު ދުވަހު ވޯޓުލުން ކުރިޔަށް ގެންގޮސްފައިވާއިރު, މި އިންތިޚާބުގައި ވާދަކޮށްފައިވަނީ 4 ކެނޑިޑޭޓެކެވެ. އެއީ އެގައުމުގެ ސުޕްރީމް ލީޑަރު ޚަމަނާއީގެ ތާއީދު އޮތް ސައީދު ޖަލީލީގެ އިތުރުން މުޙައްމަދު ބާގިރު ގަލިބާފް, މަސްއޫދު ޕެޒެޝިއާން އަދި މުސްތަފާ ޕޯރް މުޙައްމަދީއެވެ.

ވޯޓު ފޮށިތައް ބަންދުކޮށް މިހާރު ވޯޓު ގުނަން ފަށާފައިވާއިރު, ވަގުތީ ނަތީއްޖާތަކުން ދައްކާގޮތުގައި ވަރަށް ކުޑަ ތަފާތަކުން ކުރީގައި އޮތީ ޕެޒެޝިއާންއެވެ. އަދި އޭނާއާއި ވަރަށް ގާތުން ދެވަނާގައި އޮތީ ސައީދު ޖަލީލީއެވެ. އިރާނުގެ ގަވާއިދުތައް ބުނާގޮތުން އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް %50 ގެ އަގުލަބިއްޔަތެއް ބޭނުންވެއެވެ. މިފަހަރުގެ އިންތިޚާބުގައި އެފަދަ ނަތީއްޖާއެއް އެއްވެސް ކެނޑިޑޭޓަކަށް ނެރެވިފައި ނުވެއެވެ. އެހެންކަމުން ސައީދު ޖަލީލީ އަދި މަސްއޫދު ޕެޒެޝިއާން ދެވަނަ ބުރެއްގައި ވާދަކުރަން ޖެހޭނެއެވެ.

މިއިންތިޚާބުގައި އިރާނުގައި ވޯޓު ލުމުގެ ހައްގު 64 މިލިއަން މީހަކަށް ލިބިގެންވީ ނަމަވެސް ގިނަ ރައްޔިތުން ވޯޓުލާން ނުކުމެފައި ނުވާކަން ފާހަނގަކޮށްލެވެއެވެ. ވޯޓުލާން ނުކުތީ އެގައުމުގެ ރައްޔިތުންގެ ތެރެއިން އެންމެ %40 މީހުންނެވެ.

ވޯޓުލުމުގެ ދެވަނަ ބުރު އޮންނާނީ ޖުލައި5 ވަނަ ދުވަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-