-Advertisement-

-Advertisement-

ވާހަކަ: ހިތް އެދޭތީ-13

ދުނިޔެއަކީ އަބަދު އެއް ގޮތަކަށް އޮންނަ ތަނެއް ނޫނެވެ. މޫސުމީ ބަދަލުތައް އަބަދުވެސް އައިސް އައިސް ހުރެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ އަބަދުވެސް ބުނެ އުޅެއެވެ. ތާއަބަދު ހިތާމައިގައި އުޅޭކަށް ނުޖެހޭނެއޭ ވެސް ބުނެއުޅެނޫން ހެއްޔެވެ. ދީނާގެ ހަޔާތުގައިވެސް ތަފާތު ދުވަސްތައް ތަމްސީލްވަމުން ދާން ފަށައިފިއެވެ. ދީނާގެ ހަޔާތުގައި މިހާރު މީހަކީ ސުނޭއެވެ. ސިމާމު ކިޔާ މީހަކު ހަޔާތައް އައިކަމެއް މިހާރު ދީނާގެ ހަނދާނުގައި ނެތް ކަހަލައެވެ. ސިމާމު ކައިރީގައި ވި އަހުދުތަކާއި ވައުދުތައް ވީ އަގެއް ނެތް ބުނުން ތަކަކަށެވެ. ސިމަމު މާލެ ދިޔަ ފަހުން މިވީ މަދު ދުވަސްތަކުގައި ސުނޭ އާއި ދީނަގެ ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބަދަހިވަމުން ދިޔައެވެ. ރަށުގެ އެތައް މިތަނުގައި ބާއްވަމުންދާ ބައްދަލުވުންތައް، ރޭގަނޑުގެ ހަމަހިމޭން ޖައްވުގައި ފިޔަ ޖަހަމުންދާ ތަރިތައް ހެކިވަމުން ދިޔައެވެ. ގެއިން ބޭރުގައި ދީނާ ހޭދަކުރަމުން ދިޔަ ވަގުތުތައް ދިގުވަމުން ދިއުމުގެ ނަތީޖާއަކަށްވީ ދީނާގެ މައިންބަފައިންގެ ހިތުގައި ޝައްކު އުފެދިގެން ދިއުމުގެ ސަބަބަކަށެވެ.

“ދަރުފުޅާ ދީނާ … އާދެބަލަ މިކޮޅަށް؟ މިހާރަކަށް އައިސް މާދަންވަންދެން ބޭރުގައި އުޅެވޭގޮތް އެވަނީ ކީއްވެތަ؟ … ކުރިންވެސް ބުނެފަ އޮންނާނީ އަވަހަށް ގެއަށް އަންނަންވާނެއޭ؟ ތިޔައީ އަންހެން ކުއްޖެކޭ ކީއްވެތަ ބުނާގޮތް ނުހެދެނީ؟ ސިމާމުވެސް ހުރީކީ ނޫން ދެން،” ދީނާގެ ބައްޕަ ހަސަނުގެ އަޑު ހަރުކައްޓެވެ.

“ދީނާ އާއޭ … އަހަރެން މި ވާހަކަ ދައްކަނީ. ކީއްވެ އެއްޗެއް ނުބުނެ ތިޔަ ހުންނަނީ؟” ދީނާ އެއްޗެއް ނުބުނެ ހުރުމުން ހަސަނު އިތުރަށް ރުޅިގަދަވިއެވެ.

“އަ…އަ…. އަހަ ..ރެން ނަދުވާ މެން ގޭގަ..،” ދީނާއަށް ވާހަކަ ދެއްކުނީ އަޅައިގަންނަމުންނެވެ.

“ދީނާއަށް އެނގޭތަ …ސިމާމާއި ދަރިފުޅުގެ ކައިވެނި ކުރުމަށް ނިންމާފައި އޮތް އިރު ތިޔަ ގޮތަށް މާދަންވަންދެން ބޭރުގައި އުޅުނީމަ ވާނެ ގޮތް … މީހުން ކިޔަން ފަށައިފި އެއްޗެއް ނުހުއްޓުވޭނެ. ރީތި އަޑެއް ނާރާނެ އަބުރު ގެއްލުމުގެ ކުރިން ރައްކާތެރި ވީއްޔާ ރަނގަޅުވާނީ. ދަރިފުޅު މިކަމާ ވިސްނާނެ ކަމަށް ބައްޕަ އުންމީދު ކުރަން ދެން އެންމެ ރަގަނޅު ނިދަން ދިޔަސް،”  ބައްޕަގެ ވާހަކަ ނިމުމުން ދީނާ މަޑުމަޑު ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލި ވަގުތު އެސޫރަ އޭނާއާއި ދިމާއަށް ބުނާކަހަލައެވެ.

“ދީނާ..ކަލޭތީ ބޭވަފާތެރިއެއް؟ …ކެހިވެރިއެއް؟ ސިމާމުއަށް ތިހެން ނުހަދާ …އެފަކީރު ހިތް ހަލާކު ވެދާނެ …އޭނާއަށް ދެރައެއް ދީފައި ދީނާ ހީކުރަނީ އުފަލުގައި އުޅެވޭނެ ކަމަށްތަ؟… އެހެންނެއް ނުވާނެ މީހަކަށް ދެރައެއް ދީފައި އެނެކަކަށް އުފަލުގައެއް ނޫޅެވޭނެ. ހަނދާން ކުރާތި؟…ހަނދާން ކުރާތި؟” ކުއްލިއަކަށް ދީނާ އަށް ފުންނޭވާއެއް ދޫކޮށްލެވިނެވެ. ޚިޔާލުތަކާއެކު ދީނާގެ ހިތް ސިމާމަށްޓަކައި ހަމްދަރުދީން ފުރުނު ކަމުގެ އިޙްސާސް ދީނާއަށް ކުރިއެވެ. އޭނާގެ ހިތް ދެވަނަ ފަހަރަށް ސިމާމާއި ދިމާއަށް އެނބުރިދާނެތީ އަވަސް އަވަހަށް އެނދުގައި އޮށޯވެ ދެލޯމަރާލިއެވެ. އަދި ޚިޔާލުތަކާއި ދުރު ވުމަށްޓަކައި ކައިރީގައި ހުރި ރޭޑިއޯ ހުޅުވާލިއެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ގޮސް ދީނާއާއި ނަދުވާގެ ކިޔެވުމުގެ ދައުރުވެސް ނިމިއްޖެއެވެ. ރަށުން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔަވާ ނިމުމުން ކުރިންވެސް ނަދުވާގެ މަންމަ ގަސްތުކޮށްފައިވާ ފަދައިން ނަދުވާ މާލެ ފޮނުވުމަށް ނަދުވާގެ މަންމަ އޭނަގެ ރައްޓެއްސަކާ ވާހަކަ ދެއްކިއެވެ. ނަދުވާ ގެ މަންމަގެ ރައްޓެހިމީހާ ހޯދައިދިން ގެއަކަށް ދިއުމަށް ހުރިހާކަމެއް ހަމަޖެހުމުން، ނަދުވާ ފުރަތަމަވެސް ދިޔައީ އެޚަބަރު ދީނާއަށް ދިނުމަށް އެގެއަށެވެ.

“އަހަރެން މިއުޅެނީ މާލެ ދާން،” ކޮޓަރިއަށް ވަދެވުމާއެކު ނަދުވާ ބުނި ޖުމްލައިން ކުޑަކޮށް ހުއްޓުން އަރާފައ ދީނާއަށް ހުރެވުނެވެ.

“އަޅޭ އަދި ކިރިޔާދޯ ކިޔަވާ ނިމުނީވެސް …މިހައަވަހަށް ވަކިވާން ޖެހޭތީދޯ؟ މަޖާކޮށްލާ ހަދަން ރަށުގައި އަދި މަޑުކޮށްލަންވީނު …ދެން އަހަރެން ވަރަށް ފޫހިވެސް ވާނެ ދޯ؟” ދީނާ ފޫހިރާގަކަށް ބުނެލިއެވެ.

“ދީނާ އަށްވެސް އެނގެއެއްނު އަހަރެންގެ މަޖުބޫރީ ހާލަތު އެހެން ނޫނަސް ސުނޭވެސް އެހުރީނު.  ދީނާ ފޫހިވާކަށް ނުޖެހޭނެ އެއްނު،” ނަދުވާ ހިނިގަޑެއް ޖަހާލިއެވެ.

“ނަދުވާ ދައްކާ ވާހަކަ …އަބަދު އޭނާއާއި އެކު އުޅެވޭތަ؟ …މިހާރުވެސް ތަންވަޅެއް މި ލިބެނީ ހާލަކުން ފަހަރަކު …އެވެސް ރޭގަނޑު …ބައްދަލު ކުރެވޭލެއް މަދުކަމުން ސުނޭ އެހުންނަނީ ރުޅިއައިސްފަ،”

“އަހަރެން މާލެ ދިއުމަށްފަހު ކީކޭތަ ސިމާމު ކައިރީގައި ބުނަންވީ؟…އޭނާ އަހާނެތާ ދީނާގެ ވާހަކަ؟” ނަދުވާ ޝައުގުވެރިކަމާއެކު އަހާލިއެވެ. ދީނާ ބުނާ އެއްޗެއް ބަލާލުމަށެވެ.

“ބުނޭ ސިމާމުގެ އިންތިޒާރުގައި ކެތް މަދުވެފައި އެބަހުއްޓޭ؟ … އަދި ވަރަށް ގިނައިން ސަލާމް ބުނެދޭތި،” ދީނާ ހިނިތުން ވެލަމުން ބުންޏެވެ.

“އޯކޭ.. ދެން ގޮސްލީ …މަންމަ ހުންނާނެ އަހަރެން ނައިސްގެން،” ނަދުވާ ނުކުތެވެ.

ފަހަކަށް އައިސް ދީނާ އަބަދު ހުންނަނީ ސުނޭއާއި ބައްދަލު ކުރެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ސުނޭއާއި ބައްދަލުވާން ހަމަޖެހިފައިވާ ރެއެއްނަމަ ކައިނިންމައިގެން އަވަސް އަވަހަށް ކޮޓަރިއަށް ވަދެއެވެ. މައިންބަފައިންގެ ލޮލުގައި ނިދަން އޮތްކަމުގެ އަނދުން އެޅުވުމަށެވެ.

ކިތަންމެ ވަރަކަށް ދެލޯ ތަގުޅިކޮށްގެން އޮތް ނަމަވެސް ދީނާގެ ލޮލަކަށް ނިންޖެން ނާދެއެވެ. އެރެއަކީ ސުނޭއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ރެއަކަށް ވާނަމައެވެ. ސުނޭއާއި ބައްދަލުވާން ޕްލޭން ކޮށްފައިވާ ރެއެއްނަމަ، ގަޑި ހިނގާލެއްވެސް ދީނާއަށް ހުންނާނީ ލަސްވެފައެވެ. ގަޑިން އެގާރަ ޖެހުމާއި އެކުހެން ގެއިން އެހާ ފަސޭހައިން ނުކުންނަނީ، މައިންބަފައިން ނިދާފައި އޮތުމުގެ ސަބަބުންނެވެ.

އާދައިގެ މަތިން މިރެއަކީވެސް ދީނާމެން ބައްދަލުވުމަށް ހަމަޖެހިފައިވާ ރޭތަކުގެ ތެރެއިން ރެއެކެވެ. ހަމަޖެހިފައިވާ ގޮތުގެމަތީން ސުނޭމެން ގޭދޮށަށް ދިއުމަށް ދީނާ ހިނގައިގަތެވެ. މަޑު ހިގުމެއްގައި ގޮސް ސުނޭމެން ގޭދޮށު ކައިރީގައި މަގުމަތީގައި ހުރި ޖޯލި ފައްޗެއްގައި އިށީދެލިއެވެ. މަގުމަތި ފުދޭވަރަކަށް އަލި ނަމަވެސް ޖޯލިފަތި ހުރި ތަނަކީ އަދިރި ހިސާބެކެވެ. ގަސްތައް ހެދިފައިވާ ގޮތުގެ ސަބަބުން މަގު ބައްތީގެ އަލިކަން އެހިސާބަކަށް ނުފޯރައެވެ. އެއީ ދީނާގެ ނަސީބެވެ. އެތަނުގައި އިށީން ސަބަބެވެ.

ދީނާ ޖޯލީގައި ރަގަނޅަށް ހަމަޖެހި ނުލެވި އުޅެނިކޮށް ފަހަތުން މީހަކު އޭނާގެ ލޮލުގައި އަތް އެޅިއެވެ. ލިބުނު ސިހުމާއެކު ދީނާއަށް ހަޅޭލަވައި ނުގަނެވުނީވެސް ހަމަ ކިރިޔާއެވެ.

“ކާކު؟…ކާކުހޭ؟” ދީނާ އެމީހަކުގެ އަތުގައި އަތް ކާއްތަމުން އެއީ ކަކުތޯ ދެނެގަތުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

ނުނިމޭ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-