ޖަރުމަނުގެ ގައުމީ އެއާލައިން ކަމަށްވާ ލުފްތަންސާ އަދި އެގްރޫޕުގެ ދަށުން ދަތުރުކުރާ އެހެނިހެން ފްލައިޓްތަކުން ރޭގަނޑުގެ ވަގުތުތަކުގައި ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ހޯމަ ދުވަހު ލުފްތަންސާ ގްރޫޕުގެ ތަރުޖަމާނަކު ހާމަކުރެއްވި ގޮތުގައި އެ ފްލައިޓުން ބެއިރޫތަށް ރޭގަނޑުގެ ވަގުތުގައި ކުރާ ދަތުރުތައް މެދުކަނޑާލާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމަޔަށެވެ. އަދި މިފިޔަވަޅު އަޅާފައިވަނީ މެދުއިރުމަތީގެ ހާލަތާއި އަދި ޚާއްސަކޮށް ލުބްނާން އިޒްރާއިލް ބޯޑަރުގެ މަސްލަހަތު ހުރި ގޮތުން ކަމަށްވެސް ބުނެފައިވެއެވެ.
ލުފްތަންސާ ގްރޫޕުގެ ދަށުން ދަތުރުކުރާ ސްވިސް އެއާލައިނުންވެސް ޖޫން 29 ވަނަ ދުވަހުން ފެށިގެން މި ގޮތަށް އަމަލު ކުރަން ފަށާފައިވާއިރު, އެ ފްލައިޓު ތަކުން ލުބްނާނަށް ދުވާލުގެ ވަގުތު ތަކުގައި ކުރަމުން އައި ދަތުރުތައް ކުރިން އޮތް ގޮތަށް އޮންނާނެއެވެ. އަދި ކުރިން ރޭގަނޑުގެ އޮތް ފްލައިޓުތައްވެސް ދުވާލަށް ބަދަލުކުރާނެ ކަމުގައި ބުނެފައިވެއެވެ.
މި ބަދަލު ގެނެވިފައިވަނީ އެ ފްލައިޓުތަކަށް ކޮންކަހަލަ ނުރައްކަލެއް އޮވެގެން ކަމެއް އެ ގްރޫޕުން ހާމަކޮށްފައި ނުވެއެވެ.
މި ދުވަސްވަރު އިޒްރާއިލް އަދި ލުބްނާނު ބޯޑަރު ސަރަހައްދުގައި އިރާނުގެ ސަޕޯޓް އޮންނަ ހިޒްބުالله އަދި އިޒްރާއިލް އަސްކަރިއްޔާ ދެމެދު ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.