ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތަކުގެ ހޫނުމިން 50 ޑިގްރީއަށްވުރެ މައްޗަށް ދާނެ ކަމަށް އެގައުމުގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ލަފާކޮށްފިއެވެ.
ހޯމަ ދުވަހު މީޓިއޮރޮލޮޖިކަލް ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިވަގުތުވެސް ސައުދީ އަރަބިއްޔާގެ ބައެއް ހިސާބުތަކުގެ ހޫނުމިން އުޅެނީ 45-47 ޑިގްރީ ހިސާބުގައި ކަމަށާއި މި މަހުގެ ފަހުކޮޅުގައި އިތުރަށް ހޫނު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެންމެ ބޮޑަށް ހޫނު ގަދަވާނެ ކަމަށް ލަފާ ކުރެވެނީ ސައުދީގެ ވެރިރަށް ރިޔާޟް އަދި އިރުމަތީގެ ރަށްތަކކުގައެވެ.
އުމްރާ ކުރުމަށް ގިނަ ބަޔަކު ދަތުރުކުރާ މައްކާ އަދި މަދީނާގެ ހޫނުމިން ލަފާކޮށްފައިވަނީ 42-45 ޑިގްރީގައެވެ.
ރިޔާޟް, ދައްމާމް އަދި ސައުދީގެ އިރުމަތީގެ އެހެން ބައެއް ރަށްރަށުގައި މިހާރުވެސް ވަނީ ހޫނުގަދަ ވުމުގެ ސަބަބުން އޮރެންޖް އެލާޓް ނެރެފައެވެ. އޮރެންޖް އެލާޓުގެ މާނައަކީ އިންތިހާއަށް ހޫނު ގަދަވެ ބޭރުގައި ގިނަ ވަގުތު އުޅެފިނަމަ ހޫނުގެ ސަބަބުން ސިއްހީގޮތުން ބައެއް މަައްސަލަތައް ދިމާވުމުގެ ފުރުސަތު އޮތުމެވެ.
މި އަހަރުގެ ޙައްޖުގެ މޫސުމުގައި ވެސް އިންތިހާއަށް ހޫނު ގަދަވުމުގެ ސަބަބުން ޙައްޖުވެރިންގެ ތެރެއިން އެތައް ހާސް ބަޔަކަށް ހީޓް ސްޓްރޯކް ފަދަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ.