-Advertisement-

-Advertisement-

އެދޭ ލޯބި ޔާރާ – 4

“ނޫނޭ…އެކަމު އެނގޭ މިހެން ބުންޏަސް ގަބޫލު ކުރަން އުނދަގޫ ވާނެ ކަންވެސް… އެ އިތުބާރުވެސް އަދި ހޯދާނަން… ކޮންނަމެއްތަ ކިޔަނީ،” ލިބުނު ފުރުސަތުގައި ނަވީން ބޭނުންވީ އެކުއްޖާގެ ނަން އޮޅުން ފިލުވާށެވެ.

“ތުގާ…ތީނައަށޯ،” މަޑުމަޑުން ތުގާ އަހައިލިއެވެ.

“ވަރަށް ރީތި….ނަމާ އެއްވަރަށް ތުގާވެސް ހާދަ ރީއްޗޭ…ތިއޮށް ބުޅި އިސްތަށިގަނޑެއް…ލޮލުގައި ތިހުރި ޖާޒްބީއްޔަތެއް،” ނަވީން ތައުރީފު ކުރިއެވެ. އޭނާ ބޭނުންވަނީ ތުގާގެ ސަމާލުކަން ހޯދާށެވެ.

“އަދިވެސް ނަމެއް ނުބުނެވޭ..” ތުގާ ހަދާންކޮށްލަދިނެވެ.

“އޯ…އަހަންނަށް ކިޔަނީ ނަވީން…ދެން ބަލާ ރައްޓެއްސެއްކަމަށް،”

ނަވީންއާއި ތުގާ ވާހަކަ ދައްކަމުން ދިޔައެވެ. މާކުރިއްސުރެ ދަންނަ ދެ ރަހުމަތްތެރިން ފަދައިންނެވެ. އެމީހުންނަށް ވަގުތު ދިޔަ ގޮތްވެސް އެނގޭހެނެއް ހިޔެއް ނުވެއެވެ. ނަވީންގެ އެކުވެރި ޒަލަފް އަށް ޖެހުނީ ދާން ވެއްޖެކަށް އަންގާލާށެވެ. އެހެންކަމުން އޭނާ ކަރު ކެހިލިއެވެ. ޒަލަފްގެ އަޑަށް ސިހިފައި ނަވީން ބަލާލިއެވެ. ނަވީން އިޝާރާތްކޮށްލީ ދާންވެއްޖެ ކަމަށެވެ. ނަވީންވެސް އަތުގައި އޮތް ފޯނުން ގަޑި ބަލާލުމަށްފަހު އަދި ދިމާވޭނެ ކަމަށް ބުނަމުން ޒަލަފްގެ ކައިރިއަށް އައެވެ.

“ކޮބާ؟ ކަންފުޅެއްވި،” ޒަލަފް އެހިއެވެ.

“ނަންބަރުވެސް ލިބިއްޖެ…ދެން ހަމަ ކުރިއަށް ދާނީ އިންޝާﷲ،” ނަވީން ހުރީ އުފާ ވެފައެވެ. އޭނާގެ މޫނުން ވަރަށް ސާފުކޮށް އެކަން ފެންނަން ހުއްޓެވެ.

މެންދުރުގެ ހޫނު ވަރަށް ގަދަ ދުވަސްކޮޅެކެވެ. މެންދުރަށް ފިހާރަ ބަންދުކޮށްފައި ނަމާދުކޮށްގެން ޖިނާން ގެއަށް އައިސް ވަނެވެ. ބަތޫލް އަވަދި ނެތި އުޅެމުން ދިޔައީ މެންދުރުގެ ނާސްތާ ކާމޭޒުމަތީގައި އެތުރުމަށެވެ. ޖިނާން އަންނަން ވާއިރަށް މެންދުރުގެ ކެއުން ތައްޔާރުވެފައި ނެތިއްޔާ ކޮށްލާނެ ވަރު ބަތޫލްއަށް އެނގޭތީއެވެ. އޭނާގެ ދުވަސް “ދުއްވާލާވަރު” ކުރާނެކަން ޔަގީންވާތީއެވެ.

“ހޫނ…މިއަދުވެސް ކާން ރެޑީ ނުކުރެވެނީދޯ؟…ކިހާ ދެރަކަމެއް މީދެން…ކޮންކަމެއް ބަތޫލް ތިކުރަނީ…އަބަދު އޮންނަނީއޭތި…އިތުރު ކަމެއް ކުރަނީ އެއްނޫން،” ޖިނާން ގެ ރުޅިވެރިބަސްތައް ތަކުރާރުވިއެވެ. އެބަސްތައް އަޑުއަހައަހާ މިހާރު އެއީ ބަތޫލްއަށް އާދައަކަށް ވެއްޖެއެވެ.

“ޖީނާން އެއްފަހަރުވެސް މިކުދިން ބަލާލަން ގޭގައި މަޑުކޮށްލަބަލަ…އޭރުން އެނގޭ..”

“މޮޅު ވާހަކަ ނުދައްކާ…އަހަރެން މިހާ ބުރަކޮށް އުޅޭތީ ތިކައިގެން ބޮއިގެން އުޅެވެނޭ،” ބަތޫލްގެ ބުނަން އުޅުނު އެއްޗެއް ޖިނާން ހުއްޓުވިއެވެ.

 

ބަތޫލް އުޅުނީ ކުއްދިންނަށް ކާން ދިނުމަށް ތައްޓައް ބަތް އަޅާށެވެ. ކުއްލިއަކަށް މޭޒުމަތީގައި ހުރި ތަށިތައް ޖިނާން އަތުން ޖަހާ ތަޅުން މައްޗަށް ބުރުވާލިއެވެ. ބަތޫލް ދިޔައީ ސިއްސައިގެންނެވެ. ކައިރީގައި ދެކުދިން ނެތްކަން ނަސީބެކޭ އޭނާ ހިތަށް އެރިއެވެ.

“ރަގަނޅަށް ކައްކާފަ މިހުރީ….ހުރިހާކަމަކުން ޖެއްސުމޭތިކުރަނީ،” ޖިނާން ހަޅޭލަވައިގަތެވެ.

“ކިހިނެއްވީ؟” ބަތޫލް ބިރުން ހުރެ އަހާލިއެވެ.

“ކިހިނެއް ވީހޭ…މިޔަށް ލޮނުލިންތަ؟…ކެވިފައޭ މިހުރީ..!” ބަތޫލްގެ މޫނުގައި ބަތްތައް އުޅުލާލަމުން ކާކޮޓަރިން ނުކުންނަން ޖިނާން ހިނގައިގަތެވެ.

“ހަނދާންކުރާތި…އަހަރެން ބޭރުން އަންނަން ވާއިރަށް މިތަން ސާފުކުރާތި،” ބަތޫލްގެ އިސްތަށިގަނޑުގައި ހިފައި ލުތްކެއް ޖަހާލަމަށްފަހު ޖިނާން އެތަނުން ނުކުތެވެ.

ބަތޫލްއަށް ރޮވުނެވެ. ޖިސްލެވުނެވެ. ނަމަވެސް އެނާގެ ލޮލުން އޮހޮރެމުންދާ ކަރުނަ ފުހެލަދޭނީ މިއަދު ކާކު ހެއްޔެވެ. ފިރިމީހާ ވީ ބަތޫލް ހީކުރި ކަހަލަ މީހަކަށް ނޫނެވެ. ރަހުމެއް ނެތް އިންސާނަކަށެވެ. އޭނާއަށް މިދިރިއުޅުން މިވީ “ނަރަކަ” އަކަށެވެ. އުންމީދުން ފެށި ދަތުރު މިވީ ބިލާހަކަށެވެ.  މައިންބަފައިން މަރުވިތާ ދެއަރު ވީއެވެ. ދާނެ އައިލާ މީއެއް ރަށުގައި ނެތެވެ. ޖިނާންގެ ހަރުކަށި މިޒާޖުގެ ސަބަބުން އެކުވެރިންތައް އޭނާއި ދުރުވެއްޖެއެވެ. ބަތޫލް އެކަނިވެއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާ ދިރިހުރީ ހަމައެކަނި ކުދިންގެ ހައްގުގައެވެ. ލޯބި ލޯބި ދެކުދިންގެ ހައްގުގައެވެ. އޭނާއަށް އޮތީ ކެތްތެރިވުމެވެ. މިވެސް އިމްތިހާނެކޭ ހީކޮށްލުމެވެ.

ބަތޫލްއަށް ފުރަތަމަ ފަހަރަށް ނަވީން މަތިން ހަދާންވިއެވެ. އެމީހުން އުޅުނީ ކިހާ ލޯބިން ހެއްޔެވެ. ނަވީން އޭނާއަށް ކިހާ ރަގަނޅު ހެއްޔެވެ. އޭނާއަށް ނަވީންއާއި ކައިވެނި ކުރެވުނު “ނަމަ” މިހާރު ދިރިއުޅުން ކިހާ އުޖާލާވީހެއްޔެވެ. އެ ލޯބި ލޯބި އާއިލާ ކިހާ އުފަލުގައި ދިރި އުޅޭނެ ހެއްޔެވެ.  އެދުވަހު މައިންބަފައިން ބަތޫލްއަށް މަޖުބޫރު ނުކުރި ނަމަ ކިހާ ރަގަނޅު ވީސް ހެއްޔޭ ބަތޫލަށް ހިތާހިތުން ކިޔާލެވުނެވެ.

ރޭގަނޑުގެ ފުރަމެންދަމުގެ ހަމަހިމޭން ހިތްގައިމު ވަގުތެވެ. އެނދުގައި އޮށޯވެލައިގެން ފޯނުން އެފްބީއަށް ގެއްލިފައި ތުގާ އޮތެވެ. ނީދީގެ ކަންފުޅެއްވެސް އެމޫނުގައި ނެތެވެ. ހީވެއެވެ. ކޮންމެވެސް ކަމަކަށް އިންތިޒާރު ކުރަނީއެވެ. އެއިންތިޒާރު މާދިގުލައިގެނެއް ނުދިޔައެވެ. ތުގާގެ މޫނުމައްޗަށް ހިނިތުންވުން ވެރިކުރިވިއެވެ.

“ތިކޯލަށް ހާދަ އިންތިޒާރު ކޮށްފީމޭ،” ފޯނު ތުގާ ބުނެލިވެ.

“ވަރަށް އުފާވެއްޖެ…އިންތިޒާރުކުރީމޭ ބުނީތީ…އޮފީހުގައި ވަރަށް ބިޒީ ރެއެއް…ހިތަށް އެރީ ހަމަޖެހިލައިގެންނޭ ގުޅާލާނީ…އެހެންވެ…ސޮރީ އެނގޭ،” ނަވީން މާފަށް އެދުނެވެ.

“އިޓްސް އޯކޭ…ކައިފިންތަ؟”

“ހޫނ އެކަން ނިމިއްޖެ…ތިއަޑުވެސް ހާދަ ހިތްގައިމޭ…ފޯނުން ވިވޭއިރު އަދި މާސަޅި،” ނަވީން ތައުރީފު ކޮށްލިއެވެ.

“ނުވާނެ އެހެނެއް…އަހަރެންގެ ވޮއިސް ތިހާ ރީއްޗެއްނޫން،” ތުގާ އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ.

“އިނގޭ ގަބޫލު ނުކުރާނެކަން ވެސް….ދެން އަޅާނުލާ…މާދަންރޭ ދިމާވެލަންވީނު،” ނަވީން ބޭނުންވީ މަޑުމަޑުން ފިލިޖަހަމުން ގެންދާށެވެ.

“ތުގާއަށް އޯކޭ….ނަވީން ވާނެ ކުރިންލާ ގަޑި އަންގާލަން…އޭރުން ތުގާ ރެޑީވާނަން….އަންނަންވާނެ ތުގާ ބަލާ…ތުގާ އުޅެނީ ހިނގާފަ،”

“ތިދެން ކަމެއް ނޫނެއްނު…ތުގާ ފަހަތަށް އަރަން ހުރިއްޔާ ނަވީން ހުންނާނީ އަބަދުވެސް ރެޑީގަ،” ލާނެތް ގޮތަކަށް ނަވީން ހީލުމުން ތުގާއަށް ވެސް ހެވުނެވެ.

“ނަވީން އަސްލުވެސް ސިންގަލްތަ؟” ކުޑަ ހިނދުކޮޅަކު މަޑުން ހުރުމަށްފަހު ތުގާ އެހިއެވެ.

“މެރީޑް ހެން ހީވަނީތަ؟…މެރީޑްއޭ ބުނެފިއްޔާ،”

“ވަގުތުން ފޯނު ކަނޑާލާނަން..ނަންބަރ ބުލޮކް ކޮއްލާނަން،” ތުގާ ވަގުތުން ޖަވާބު ދިނެވެ.

-ނުނިމޭ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-