-Advertisement-

-Advertisement-

ވާހަކަ: ހިތްއެދޭތީ-14

“ކާކު؟…ކާކުހޭ؟” ދީނާ އެމީހަކުގެ އަތުގައި އަތް ކާއްތަމުން އެއީ ކަކުތޯ ދެނެގަތުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

“ސުނޭ ދޯ؟ އަހަންނަށް އެނގިއްޖޭ؟” ދީނާ ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.

“ކިހިނެއް އެނގުނީ އަހަރެންކަން؟” ދީނާއާއި ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ސުނޭ އަހައިލިއެވެ.

“ސުނޭ ނޫން…ދެން ކާކު އަންނާނީ،” ސުނޭގެ މޫނަށް ބަލަހައްޓައިގެން އިދެ ދީނާ ބުންޏެވެ.

“އަހަރެން އަންނާނެ ކަމުގެ ޔަގީންކަން އޮވޭދޯ؟…ހިޔެއް ނުވޭތަ އަހަރެން ދީނާ އާއި ރުޅިވެދާނެ ހެން؟”

“ތިކަހަލަ ވާހަކަ ދައްކަންޏާ އަހަރެން މިދަނީ…އަލުން ސުނޭއާއި ގުޅުން މިވީ ބޭކާރު ކަމަކަށްނު؟” ދީނާ ތެދުވެގެން ދާން އުޅުނުވެ. އެކަމަކު ސުނޭ ހުރީ ހުޝިޔާރު ވެގެންނެވެ. އޭގެ ކުރިން ސުނޭ ދީނާގެ އަތުގައި ހިފެހެއްޓިއެވެ.

“ތީ އެއްގޮތަކަށްވެސް ބޭކާރު ކަމެއް ނޫން …އަހަރެން ދީނާ ދެކެ ވަރަށް ލޯބިވޭ،”

“ދެން ކީއްވެ އެކަހަލަ ވާހަކަ ދައްކަނީ؟…އަހަރެން އަބަދުވެސް ބޭނުންވަނީ ސުނޭ ގެ މީހެއްގެ ގޮތުގައި ހުންނަން. ޕްލީސް ދެން އެކަހަލަ ވާހަކަ ނުދައްކައްޗޭ؟” ދީނާގެ ލޮލުން ކަރުނަ ނިރާލިއެވެ.

“ސޮރީ ލޯބީ …އަހަންނާ ދެއަތްބަށް ވިއަސް ހެޔޮތަ؟” ސުނޭ އެއްމިޔަކަނުން ހީލިއެވެ.

“ސުނޭ…ހަމަ މިހާރު އަހަރެން އަތުން ދޫކުރޭ؟…އެންމެ ހިނދުކޮޅެއް ވެސް މިތަނުގައި ހުންނާކަށް ބޭނުމެއް ނޫން. އަހަރެން މިތަނަށް ގެނައީ އެހެން އަންހެން ކުދިންގެ ވާހަކަ ދައްކައިގެން އަހަރެން ހިތުގައި ޖައްސަންތަ؟” ސުނޭގެ އަތުގެ ތެރެއިން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ނުރުހުންވެ ހުރެ ދީނާ ވާހަކަ ދެއްކިއެވެ.

“އިހަށް މަޑުކޮށްބަލަ؟…އަހަރެން މިބަލާލީ ދީނާ އަހަރެން ދެކެ ކިހާވަރަކަށް ލޯބި ވޭތޯ؟… މިހާރު އެނގިއްޖެ އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން …އެހެން މީހަކު ދެކެ ލޯބި ނުވާވަރަށް އަހަރެން ދެކެ ލޯބިވާކަން އެނގުމުން މިރޭ އަހަރެން ވަރަށް އުފާ ވެއްޖެ،” ސުނޭ ހުރީ އުފަލުންނެވެ.

“ތިޔަ ހީކުރީ އަދި ރަނގަޅަކަށް ނޫން…އަހަރެން އެންމެ ބޮޑަށް ލޯބިވަނީ…އަހަރެން ގެ މައިންބަފައިން ދެކެ …ބުނަން ސުނޭ…ސުނޭ އެއްކަމު ދެން ތިޔަކަހަލަ ވާހަކަ ދައްކައިގެން ނުވާނެ؟…އަހަރެން ވަރަށް ފޫހިވޭ ތިޔަ ގޮތަށް ވާހަކަ ދައްކާތީ،”

“އޯކޭ…އޯކޭ…ދީނާ މޫޑު ގޯސްވާ ކަހަލަ އެއްވެސް ވާހަކަ އެއް ދެން އަހަރެން ނުދައްކާނަން އަހަރެން ބޭނުންވަނީ ދީނާ އަބަދުވެސް އުފަލުގައި ހުރިން،”

“ހަމަ ތެދެއްތަ؟…ސެނޭ އަހަރެން ދެކެ އެހާވެސް ލޯބިވޭތަ؟” ޖޯލީގައި އިށީދެލަމުން ދީނާ ކުރިއަށްވުރެ ވެސް ސުނޭއާއި ކައިރިވެލިއެވެ.

“ނޭނގިގެންތަ ތިއެހީ؟” މަސްތުވީ ގޮތަކަށް ދީނާގެ މޫނުގައި އަތުގެ އިނގިލި ހިންގާލަމުން ސުނޭ ބުނެލިއެވެ. ދީނާއަށް ދެލޯ މަރާލެވުނެވެ. ސުނޭގެ އިނގިލިތަކުން ދީނާގެ ތުންފަތާއި ކުޅެލިއެވެ. އަދި މަޑުމަޑުން ސުނޭ ދީނާގެ ތުންފަތާއި ދިމާއަށް ގުދު ވެލިއެވެ. އޭނާގެ ނޭވައިގެ ހޫނު ވައި ދީނާގެ މޫނަށް އެޅޭހާ ކައިރިވެލިއެވެ. މަސްތުވީ ނަޒަރަކުން ދީނާގެ ތުންފަތާއި ދިމާއަށް ސުނޭގެ ނަޒަރު ސީދާ ކޮށްލިއެވެ.

ސަކީނާގެ ދެމައިން ޓެކްސީން ފައިބައިގެން ކުރިމަތީގައި ހުރި ގެއަށް ނަޒަރު ހިންގާލުމަށްފަހު ދޮރާށި ހުޅުވާލައި ދެފަހަރަކު ސަލާމް ގޮވާލިއެވެ. ގޭތެރެއިން ސަލާމް ބަލައިގަތުމަށްފަހު ނުކުތީ މެދު އުމުރަށް ވުރެ ދޮށީ އަންހެނެކެވެ.

“ކީއްކުރާ ބައެއްތަ؟” ގޭތެރެއިން ނުކުތް ފަޒްނާ އަށް ބޭރުގައި ދެމީހުންގެ އަތުގައި ފޮއްޓާއި ދަބަހެއް އޮއްވާ ފެނުމުން އަހައިލއެވެ.

“މީނަ މީ މިގޭގައި ބަހައްޓަން ގެނައި ކުއްޖާ…އަހަރެންމީ އޭނަގެ މަންމަ،” ސަކީނާ އޮޅުން ފިލުވައި ދިނެވެ.

“އެހެންތަ މީތަ އެމަންޖެއަކީ؟…އާބިދާ ބުންޏޭ މިއަދު އަންނާނެއޭވެސް…އަހަރެން މިހުރީ ހަދާންވެސް ނެތިފާ …ކޮން ނަމެއްތަ ކިޔަނީ؟” ފަޒްނާ އޯގާތެރިކަމާއެކު އަހާލިއެވެ.

“އަހަންނަކީ ސަކީނާ…ދެން މިހުރީ އަހަރެންގެ ދަރުފުޅު … ނަދުވާ،”

“އަހަންނަށް ކިޔަނީ ފަޒްނާ…ދެމައިން އާދޭ އެތެރެއަށް…ފޮއްޓާއި ދަބަސް އެހަށް މިތާ ބަހައްޓާ…އިށިދެބަލަ …އެބަ އަންނަން ބޯލާނެ އެއްޗެއް ހިފައިގެން،” މިހެން ބުނުމަށްފަހު އިށީންނާނެ ތަން ދައްކަމުން ފަޒްނާ އެތެރެއަށް ވަދެގެން ހިގައްޖެއެވެ.

ސަކީނާއާއި ނަދުވާ އެތަނުން ސޯފާއެއްގައި އިށީނެވެ. ނަދުވާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ތަނަވަސް ބޮޑު ގެއެކެވެ. ޓީވީއެއް ސިޓިންގ ރޫމްގައި ބަހައްޓާފައި ހުރި އިރު މަސްޓޭންކެއް އެއްކަނުގައި ހުއްޓެވެ. ފާރުގައި އެކިކަހަލަ ތަސްވީރުތައް ބަހައްޓާފައި ހުއްޓެވެ. ދެސޯފާ ހުރި އިރު އެއް ސޯފާ ކައިރީގައި ކޮފީ މޭޒެއް ހުއްޓެވެ. ނަދުވާގެ ހަޔާތުގައި ވެސް މިފަދަ ބޮޑު ގެއެއްގައި އުޅެން ޖެހުނު މީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާ ހުރީ ކުޑަކޮށް ހާސްވެ ކަންތައް ބޮޑުވެފައެވެ.

“މިހުރީ ޖޫސް،” ދެތަށި ޖޫސް ހިފައިގެން އައިސް ސަކީނާމެން ދެމައިންނަށް ދިއްކޮށްލިއެވެ.

“އަހަރެން ގަސްތު ކުރަނީ…ތިޔަ ބޭފުޅާ ގަބޫލުނަމަ…ހަފްތާއެއް މިގޭގައި ނަދުވާ ކައިރީގައި މަޑުކޮށްލަން …އެހާ ދުވަހުން ނަދުވާ ވެސް މާލެއަށް ފަރިތަ ވެލާނެ އެއްނު؟” ޖޫސްތަށި ބޯލުމަށްފަހު، ތަށި ފަޒްނާ އަތަށް ދެމުން ސަކީނާ ވާހަކަ ދެއްކިއެވެ.

“ސަކީނާމެން ދެމައިން ބޭނުން ދުވަހަކު މިގޭގައި ހުރެވޭނެ؟”

“ހާދަ ރަގަނޅޭ…މިގޭގައި ކޮންކޮން މަސައްކަތެއް ކުރަންޖެހޭނީ …؟” ސަކީނާ އަހައިލިއެވެ.

“މާކަގިނަ ކަންތައްތަކެއް ކުރާކަށް ނުޖެހޭނެ؟…ކެއްކުމާއި ދެން އޮންނާނީ ގެ ސާފުކުރުން. މިކަންކަމުގައި އަހަރެންނާއި ދަރިފުޅުވެސް ކޮންމެވެސް ވަރަކަށް ބައިވެރިވާނަން…އަހަރެން ނިންމައިގެން މިހުރީ ނަދުވާބޭނުން ނަމަ ކޮންމެވެސް ކޯހެއް ހަދައިދޭންކަމަށް؟” ގޭގައި ކުރަންޖެހޭ ކަންތައްތައް އޮޅުންފިލުވާ ދިނުމަށްފަހު ފަޒްނާ ޚިޔާލުކުރާގޮތް ވެސް ބުނެދިނެވެ.

“ފަޒްނާގެ ތިޔަ އިޙްސާންތެރިކަން ދުވަހަކުވެސް އަހަރެން ހަނދާން ނުނެތޭނެ،” ސަކީނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

“މީ ތިދެމައިންގެ ކޮޓަރި…ސަކީނާ ދިއުމުން މިކޮޓަރީގައި ނަދުވާއާއި އެކު އަހަރެން ގެ ދަރިފުޅު ޝީޒާ ނިދާނެ،”

“ކޮބާ އެމަންޖެ؟…ފަޒްނާ ނޫން އެކަކުވެސް ނޫޅެނީތަ؟” އެކި ފަރާތްތަކަށް ނަޒަރު ހިންގާލަމުން ސަކީނާ އެހިއެވެ.

“ޝީޒާ ވީ އޮފީހުގައި…އަހަރެންގެ ފިރިމީހާ އަބަދުހެން އުޅޭނީ ރިޒޯޓްގައި…އަހަރެންގެ ފިރިހެން ދަރިފުޅު ހުންނާނީ ކިޔަވަން އޮސްޓްރޭލިޔާގައި…ސަކީނާ ތިވަރަށް ވާހަކަ ދައްކާއިރުވެސް މިމަންޖެ ހަމަ އަނގައިތްވެސް ނުބުނޭ؟…ތިހެން ބީރައްޓެހިވެގެން ނުހުރެބަލަ؟”

“އެއީ ތެދެއް ދަރިފުޅާ …މިގޭ އެންމެންނާވެސް ފަރިތަ ވާންވާނެ؟”

ނަދުވާ މާލެ ދިއުމަށްފަހުވެސް، ދީނާއާއި ސުނޭގެ ބައްދަލުވުން ދިޔައީ ކުރިއަށެވެ. ކިތަންމެ އަނދިރި ރެއެއް ނަމަވެސް ދީނާ ޖެހިލިމެއް ނުވެއެވެ. ސުނޭ ބުނިތަނަކަށް ބުނި ގަޑިއަކަށް ހުންނަނީ ގޮހެވެ. ބައެއް ރޭރޭ ސުނޭއަށް ވުރެވެސް ކުރިންނެވެ. އެހާވެސް ދީނާ ހުންނަނީ ސުނޭއާއި ހެދި ދީވާނާ ވެފައެވެ. އެހާވެސް ސުނޭ ދެކެ އޭނާ ލޯބި ވާ ކަހަލައެވެ.

އާދައިގެ މަތިން މިރެއަކީވެސް، މިގޮތައް ބާއްވަމުންދިޔަ ބައްދަލުވުންތަކުގެ ސިލްސިލާއަށް އިތުރުވީ ބޮޅެކެވެ. ދީނާ އިނީ ތުނޑީގައި ހުރި ދިގު ރުކެއްގައި ލެގިލައިގެންނެވެ. ސުނޭގެ އިންތިޒާރުގައެވެ. އެގޮތައް އިންނަތާ އެތައް އިރެއް ވީއިރުވެސް ސުނޭއެއް ނައެވެ. ނަމަވެސް ދީނާ ހަމަޖެހިލައިގެން ހުރީ އޭނާއަށް މާކުރީގައި އާދެވުނީ ކަމަށް ހީކޮށެވެ.

ދީނާއަށް ލިބިފައިވާ ހަމަޖެހުން ކުއްލިއަކަށް ނުތަނަވަސް ކަމަށް ބަދަލުވީ އަތުގައި އޮތް ފޯނަށް ބަލައި ލެވުމުންނެވެ. އޭރު ގަޑިން މެންދަމު ބާރަގަޑި ތިރީސް ވަނީއެވެ.

  • ނުނިމޭ –

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-