އިސްރާއީލުން ގައްޒާގެ ސްކޫލަކަށް ދިން ހަމަލާ ތަޙްޤީގުކޮށް މިފަދަ ލާއިންސާނީ އަމަލުތައް ބަލަން ނުތިބެ، އެކަން ހުއްޓުވުމަށް މަސައްކަތް ފެށުމަށް ދުނިޔޭގެ ލީޑަރުންވަނީ ބައިންލަ އަގްވާމީ ޖަމިއްޔާތަކަށް ގޮވާލާފައެވެ.
މިސުރުގެ ފޮރިން މިނިސްޓްރީއިން މިކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާގޮތުން މިފަދަ ކުށެއްނެތް އާމުން މެރުމުން ދޭހަވެގެންދަނީ އިސްރާއިލުން ހަނގުރާމަ ހުއްޓާލަން އެއްވެސް ގޮތަކަށް މަސައްކަތް ކުރަން ބޭނުން ނުވުން ކަމުގައެވެ.
މީގެ އިތުރުން ގަތަރުން ވަނީ މި ހަމަލާއާއި ގުޅޭ މިނިވަން ތަހްޤީޤެއްކޮށް އެގައުމުގެ ކުށެއްނެތް އެތަކެއް މީހުން ރައްކާތެރިކުރުމަށް ގޮވާލާފައެވެ. ގަތަރުން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުގައި އިސްރާއީލުގެ މި އުދުވާނީ ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރިކޮށް ރިފުޖީންގެ ގޮތުގައި ތިބި ކުށެއްނެތް ކުޑަކުދިންނާއި މީހުން މަރާލުމަކީ ބައިންލް އަގްވާމީ އިންސާނީ ހަމަތަކާއި ކަރާމާތަށް ހެދިފައި ހުރި ގަވައިދުތަކަށް ބީރު ކަންފަތެއް ދިނުން ކަމުގައެވެ.
ތުރުކީއިންވެސް ވަނީ މިހަމަލާ ކުއްވެރިކޮށް ނަތަންޔާހޫގެ ސަރުކާރުން ހިންގާ ލާއިންސާނީ ޖަރީމާ ކުއްވެރިކޮށްފައެވެ. އަދި މިއީ އެ ސަރުކާރުން ހަގުރާމަ ހުއްޓުވަން ބޭނުން ނުވާކަމުގެ ހެއްކެއް ކަމަށާއި، މި ހަގުރާމަ ހުއްޓުވުމަށް ފިޔަވަޅު ނާޅާ ދުނިޔޭގެ އެހެން ގައުމުތަކަކީ އިސްރާއީލުންގެ ޖަރީމާގެ ބައިވެރިން ކަމުގައި ބުނެފައެވެ.
ހަމަ މިއާއި އެކު ޔޫރަޕިއަން ޔޫނިއަންއިން ވަނީ މި ޖަރީމާއާކީ އެއަށް އެއްވެސް އުޒުރެއް ދެއްކޭނެ ޖަރީމާއެއް ނޫންކަމަށް ބުނެފައެވެ. އަދި މިކަމާ ފުންކޮށް ހިތާމަ ކުރާކަމަށެވެ.
ޔޫއެންގެ ޚައްސަ ރަޕަޕޯޓާރ ފްރޭންސެސާ އަލްބަނީޒް ގައްޒާ ސިފަކުރައްވާފައިވަނީ 21 ވަނަ ގަރުނުގެ އެންމެ ލަދުވެތި ކޮންސަންޓްރޭޝަން ކޭމްގެ ގޮތުގައެވެ. “އިސްރާއީލުން ދަނީ ފަލަސްތީނުގެ ކޮންމެ އަވަށެއް ވަކިވަކިން މަރަމުން، ކޮންމެ ސްކޫލެއް ވަކިވަގުން ނެތިކުރަމުން، ކޮންމެ ރެފިއުޖީ ކޭމްޕެއް ވަކިވަކިން ނެތިކުރަމުން، ކޮންމެ “ރައްކާތެރި ޒޯނެއް” ނެތިކުރަމުން. ޔޫރަޕް އަދި އެމެރިކާގެ ހަތިޔާރުގެ އެހީގައި އެކަން ކުރަމުން.” އަލްބަނީސް ބުނެފައިވެއެވެ.
އިންސާނީ ހައްގުތަކާއި ބޭހޭ އެންމެ އާދައިގެ ޤަނޫނު ދެމެހެއްޓުމަށް ވަނީ ދުނިޔޭގެ ޤައުމުތަކާއި ޔޫއެން އިން ވަނީ ނުކުޅެދިފައެވެ.