ަލަސްތީނަށް މިނިވަން ދައުލަތެއްގެ ހައިސިއްޔަތު ނުދޭނެ ކަމަށާއި މިހާރު ކުރިއަށް ދާ ހަނގުރާމަ ނިމުމަށް ފަހު ގާޒާ އޮންނާނީ އިޒްރޭލުގެ ބެލުމުގެ ދަށުގައި ކަމަށް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފިއެވެ.
ހަނގުރާމައަށް ފަހު އަމަލުކުރާނެ ގޮތުގެ ޕްލޭން އޭނާގެ ހަނގުރާމައިގެ ކެބިނެޓަށް ހުށަހަޅަމުން ބުނެފައި ވަނީ، ހަނގުރާމަ އަށް ފަހު ގާޒާ އާއި މިސްރު ގުޅޭ ސަރަހައްދުވެސް ދެން ބަހަހައްޓާނީ އިޒްރޭލުގެ ފައުޖުތަކުން ކަމަށެވެ. މީގެ ކުރިން މިސްރާއި ގާޒާ ގުޅޭ އެއް ދޮރާށި ބެލެހެއްޓުމުގެ ކަންކަން ކުރަމުން އައީ މިސްރުންނެވެ.
ގާޒާގެ އުތުރާއި މެދުތެރެ އެއްކޮށް ތަޅާ ސުންނާފަތި ކޮށް ހޯދިފައި ވަނީ ކާމިޔާބީއެއް ކަމަށް އިޒްރޭލްގެ މިނިސްޓަރުންވަނީ ބުނެފައިއެވެ. މީގެ އިތުރުން އެ މިނިސްޓަރުން ބުނީ ޔަހޫދީން ކުރި ކަންތައް ކުރިއަށް އޮތް 80 އަހަރުވެސް މުސްލިމުން ހަދާން ކުރާނެ ކަމަށާއި ގާޒާއަށް ދެވިފައި ވާ ގެއްލުމާ މެދު ފަހުރުވެރިވާ ކަމަށެވެ.
އިޒްރޭލުގެ ސަލާމަތާ ބެހޭ ކެމިނެޓަށް (ހަނގުރާމައާ ބެހޭ ކެބިނެޓަށް) ނަތަންޔާހޫ ހުށަހެޅި ކަރުދާހުގައި ވާގޮތުން އުދުރުންގެ ހުޅަނގުން އޮންނަ ހުރިހާ ބިމަކާއި ހިފާފައި ވާ ހުޅަނގު އައްސޭރިއާއި ގާޒާގައި ދެން އޮންނާނީ އިޒްރޭލުގެ ބާރެވެ. އެ ސަރަހައްދުތަކަކީ ޕަލަސްތީނުގެ މިނިވަން ދައުލަތް ހަދަން ފަލަސްތީން އޮތޯރިޓީ (ޕީއޭ) އިން މަސައްކަތް ކުރާ ސަރަހައްދު ކަމަށާއި އެކަން އެގޮތަށް ނުވާނެ ކަމަށް ވެސް އެ ކަރުދާހުގައި ވެއެވެ.
އިޒްރޭލުގެ އެ ވާހަކަތަކާ ގުޅިގެން ޕީއޭއިން ބުނެފައިވަނީ، އިޒްރޭލުން ކުރަން އުޅޭ ކަންކަން ކާމިޔާބު ނުވާނެ ކަމަށާއި އެ ސަރަހައްދުގައި (ފަލަސްތީނާއި އިޒްރޭލު) ސުލްހަ ގާއިމުވާން ދުނިޔެ ބޭނުން ނަމަ ފަލަސްތީނުގެ ބިންތައް ހިފުން އިޒްރޭލުން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޕީއޭއިން ބުނެފައިވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަންނަން ޖެހޭނެ ކަމަށާއި ޖަރޫސަލަމް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ވެސް ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އަދި ގާޒާއަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ބައެއް ކަމަށާއި އެނޫން ގޮތަކަށް ކަންކަން ތަރުތީބު ކުރަން ކުރާ ހުރިހާ ކަމެއް ފެއިލްވާނެ ކަމަށް ވެސް ޕީއޭގެ ތަރުޖަމާން ނަބީލް އަބޫ ރުދައިނާ ވަނީ ވިދާޅުވެފައެވެ.
އިޒްރޭލުގެ ހުށަހެޅުމާ ގުޅިގެން ވައިޓްހައުސް އިން ވެސް ވަނީ ވާހަކަ ދައްކާފައެވެ. ވައިޓްހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ، އިޒްރޭލުގެ ހުށަހެޅުމަކީ އުނދަގޫ ހުށަހެޅުމެއް ކަމަށާއި ހަނގުރާމައަށް ފަހު އެތަން (ފަލަސްތީނާއި ގާޒާ) އޮންނަން ވާނެ ގޮތުގެ ސާފު މެސެޖު އިޒްރޭލަށް ދެމުން ގެންދާ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ސަލާމަތީ މަޖިލީހުގައި މިހާރު ވޯޓަށް އަހާ ހުރިހާ ގަރާރެއްވެސް ވީޓޯ ކުރާ ގައުމަކީ އެމެރިކާއެވެ. އެއާއެކު ފަލަސްތީނަށް ހަމަލާ ދޭން އިޒްރޭލުން ބޭނުންވާ ހަތިޔާރާއި ޓެކްނޮލޮޖީ ފޯރުކޮށްދެމުން ގެންދާ މައި ގައުމަކީވެސް އެމެރިކާއެވެ.