އިޒްރޭލު ސިފައިން ފަލަސްތީނުގެ ރަފަހް އަށް އަރައި އަސްކަރީ ބޮޑު ހަރަކާތެއް ހިންގުން ވެގެންދާނީ ހެދޭ ވަރަށް ބޮޑު ގޯހަކަށް ކަމަށް އެެމެރިކާގެ ރައީސް ޖޯބައިޑެން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ދަންނަވައިފި އެވެ.
ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާނުލައި އެތައް މިލިއަން ބަޔަކު ހާލުގައި ޖައްސަމުން ގެންދާތީ އުފެދެމުންދާ ފިއްތުންތަކާ އެކު އިޒްރޭލާއި އެމެރިކާގެވެސް ހިޔާލު ތަފާތުވެ ގުޅުމަށް އަސަރުކޮށްފައި ވާއިރު ބައިޑެން މިހެން ވިދާޅުވެފައިވަނީ ދުވަސްތަކަކަށް ފަހު ދެ ލީޑަރުން ފޯނުން ކުރެއްވި މަޝްވަރާއެއްގަ އެވެ.
ވައިޓް ހައުސް އިން ބުނެފައިވަނީ އިޒްރޭލުގެ އިސް އޮފިޝަލުންގެ ވަފުދެއް އެމެރިކާއަށް ފޮނުވައި ރަފަހްގައި ހިންގަން އުޅޭ އޮޕަރޭޝަނުގެ މައުލޫމާތުހިއްސާކުރުމަށާއި އެ އޮޕަރޭޝަން އެ ނޫން އެހެން ގޮތަކަށް ކުރިއަށް ގެންދެވިދާނެތޯ ބެލުމުގެ ގޮތުން މަޝްވަރާކުމަށް ނަތަންޔާހޫ އެއްބަސްވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް، ނަތަންޔާހޫގެ ވާހަކައާ ބެހޭ ގޮތުން އިޒްރޭލުން ބުނެފައިވަނީ އިޒްރޭލުން ހަމަލާތަކުގައި ހާސިލްކުރަން ބޭނުންވާ ކަންކަމައިގެންކުރިއަށްދާނެ ކަމަށް ތަކުރާރުކޮށް ބައިޑެން އަށް ދަންނަވާފައިވާނެ ކަމަށެވެ.
އިޒްރޭލުން ބުނަނީ ރަފަހް އަށް އަރަނީ އެތަނުގައި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭތީ އާއި ހަމާސްގެ ބާރު ނައްތާނުލެވި އޮތީ އެތަނުގައި އެކަނިކަމަށް ވާތީ ކަމަށެވެ.
އެމެރިކާއިން ބުނެފައިވަނީ މާގިނައިން މީހުން މަރުވަމުންދާތީ، އިޒްރޭލުން ހަމަލާތައް ހުއްޓާ މީހުން މަރުވަނީ މާގިނައިން ކަމަށެވެ.
ރަފަހް އަކީ އާންމުން ހިމާޔަތް ހޯދަން މިހާރު އޮތް ހަމައެކަނި ސަރަހައްދު ކަމަށް ވާއިރު އެތަނަށް އަރައި ހަނގުރާމަ ފެށުމަކީ އިންސާނީ ބޮޑު ކާރިސާއަކަށްވާނެ ކަމަށް އެމެރިކާއިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. — އޭއެފްޕީ