ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި، ފަލަސްތީނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އަނެއްކާވެސް ލަންޑަނުގެ މަގުތަކަށް ނުކުމެއްޖެ އެވެ.
މީގެ ކުރިން ވެސް އިނގިރޭސި ވިލާތުގައި ފަލަސްތީނަށް ތާއީދުކޮށް އެއްވުންތައް ބާއްވާފައިވާއިރު މިފަހަރު އެއްވުން ފެށީ ސިޓީ ސެންޓަރުގައި އޮންނަ ރަސަލް ސްކްއާއިންނެވެ. ހިނގާލުން ނިންމާލީ ޓްރަފަލްގާ ސްކްއާއަށެވެ.
މި ބޮޑު އެއްވުން ކުރިއަށްދިޔައިރު އިޒްރޭލަށް ތާއީދުކުރާ މަދު ބަޔަކު ވެސް ނުކުމެ އަޑު އުފުލި ނަމަވެސް، ދެބައިމީހުންގެ މެދަށް ފުލުހުން ވަދެ، ހަމަނުޖެހުމަކަށް ދިޔަ ނުދީ އޮތީ ހިފަހައްޓައިފަ އެވެ.
އިޒްރޭލުން ޣައްޒާއަށް މިފަހަރު ހަމަލާ ދޭން ފެށި ފަހުން ލަންޑަންގައި ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި އަދި ފަލަސްތީނުގެ ހައްގުތައް ދިނުމަށް ގޮވާލައި ބޮޑެތި އެއްވުންތައް ބާއްވައިފަ އެވެ.
އިއްޔެގެ އެއްވުމުގެ ތެރެއިން ފުލުހުން ވަނީ ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލި ކަމުގެ ތުހުމަތަށާއި އިމަޖެންސީ ހާލަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް 12 ވަރަކަށް މީހުން ހައްޔަރުކޮށްފަ އެވެ.
އެއްވުން އިންތިޒާމްކުރި ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަށް ހާސް ބަޔަކު ބައިވެރިވާ މި އެއްވުންތަކުގައި އުފުލަނީ އެ މީހުންގެ އަޑު ކަމަށާއި އެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ.