މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމުގައި ހުރިހާ ގައުމަކުންވެސް ބަލައިގަތުމަށް އދ.ގެ ތަޖުރިބާކާރުންގެ ގްރޫޕަކުން ގޮވާލައިފި އެވެ.
ހޯމަ ދުވަހު މި ގްރޫޕުން މިގޮތަށް ގޮވައިލައިފައި މިވަނީ ސްޕެއިން، އަޔަލޭންޑް އަދި ނޯވޭ އިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތްތާ ހަފްތާއެއް ނުވަނީސް އެވެ, ޣައްޒާގައި އިޒްރާއިލުން ދެމުންދާ ހަމަލާތަކަށް އަށް މަސް ދުވަސް ވެފައިވާއިރު, ގިނަ ގައުމުތަކުން ވަނީ އިޒްރާއީލުގެ އަމަލުތައް ކުށްވެރިކޮށްފައެވެ.
ފަލަސްތީނުގެ ސަރަހައްދުގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޓީވެސް ހިމެނޭހެން އދ. ގެ ތަޖުރިބާކާރުން ގްރޫޕުން ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ގޮތުގައި ބަލައިގަތުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި އެގައުމުން މިނިވަންކަމާ ދިމާލަށް ކުރާ މަސައްކަތަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ހަމަނުޖެހުމުގައި މިހާތަނަށް ފަލަސްތީނުގެ 36،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.