ސައުދީ ޢަރަބިއްޔާގެ މައްކާއަށް މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރަން ދިޔަ މީހުންގެ ތެރެއިން 1,301 މީހަކު ނިޔާވެފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
އާދިއްތަ ދުވަހު ސައުދީ ހެލްތު މިނިސްޓަރު ފަހުދު އަލް-ޖަލާޖިލް ހާމަކުރެއްވި ގޮތުގައި މަރުވި މީހުންގެ ތެރެއިން 83% މީހުންނަކީ ޙައްޖު ކުރުމަށް ބޭނުންވާ ރަސްމީ ހުއްދަ ނުނަގައި ޤަވާއިދާ ޚިލާފަށް ޙައްޖުކުރިމީހުން ކަމުގައެވެ. އިންތިހާއަށް ހޫނު ގަދަ ދުވަސްވަރަކާއި ޙައްޖު މިފަހަރު ދިމާވުމުން, އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކައް ތަބާ ނުވެ ދުރު ރާސްތާ ތަކަކަށް އެމީހުން ހިނގާފައިވާކަމަށް އޭނާ ބުނެފައިވެއެވެ.
ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ “ނިޔާވެފައިވާ މީހުންގެ ފާފަ ފުއްސެވުމަށް އަދި ރަޙުމަތް ލެއްވުމަށް އެދި ދުޢާކުރަން. އަޅުގަނޑުމެންގެ ހިތުގެ އަޑިން އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވަން , އަދި ނިޔާވެފައިވާ މީހުން ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް މިހާރު ވަނީ އެކަންތައް ފުރިހަމަކޮށް އެއާއިލާތަކަށް އަންގާފައި. އެމީހުންގެ ޖަނާޒާގެ ކަންތައްތަކާއި ވަޅުލުން އަދި މަރުގެ ޑޮކިއުމެންޓްސް ކަންތައްތައް މިހާރުވަނީ ފުރިހަމަ ކުރެވިފައި.”
އެމަނިކުފާނު އިތުރަށް ހާމަކުރެއްވި ގޮތުގައި ހޫނުގެ ސަބަބުންނާއި ތަފާތު އެކި ސަބަބުތަކާހުރެ 465,000 މީހުންނަށް ފަރުވާ ދެވިފައިވާ ކަމަށާއި, އެތަނުން 141,000 މީހުންނަކީ ހައްޖު ހުއްދަ ނެތްމީހުން ކަމަށެވެ. ހައްޖު ކުރުމުގެ ހުއްދަ ނެތަސް އެއްވެސް މީހަކަށް ސިއްހީ ފަރުވާއެއް ދިނުމަށް ހުރަސް އަޅާފައި ނުވެއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން 1.8 މިލިއަން މީހަން އަދާކޮށްފައިވެއެވެ.